އާރްޓީއެލް ފެރީ މެދުވެރިކޮށް ނ. މަނަދޫއިން ރ. އުނގޫފާރަށް ދަތުރުކުރެވޭނެ އިންތިޒާމު މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.
ނ. މަނަދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ނ. އަތޮޅުގެ ރައްޔިތުން ސިއްހީ ބޭސްފަރުވާއަށް ރ. އުނގޫފާރަށް ދަތުރުކުރަން ޖެހޭ މިންވަރު ގިނަކަން ފާހަގަކުރެވިފައިވާތީ، މި ދެ ރަށް ގުޅާލުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
“އެއީ ވަރަށް ގިނަ ފަހަރު ރިފާ ކުރާތީ މިތާ ޑޮކްޓަރުން ވެސް. ޑައިރެކްޓް ފެރީ ލިންކް ގާއިމުކުރުމަކީ ދެމެހެއްޓެވި ގޮތެއްގައި ހަމަޖެހިގެން ކުރެވޭނެ ކަމެއް. މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ދެމެހެއްޓެނެވި ގޮތެއްގައި ސީދާ ފެރީ ލިންކެއް މަނަދޫއިން އުނގޫފާރަށް އަދި އުނގޫފާރުން މަނަދޫއަށް ދުއްވޭ ގޮތަށް ގާއިމުކުރާނަން،” ރައީސް ވިދާޅުވިއެވެ.
ނ. އަތޮޅަށް އާރްޓީއެލް ފެރީގެ ޚިދުމަތް ފެށިފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. މި ޚިދުމަތުގެ ދަށުން ނ. އަތޮޅަށް ޚާއްސަކުރެވިފައިވަނީ ދެ ލޯންޗް ފެރީއެވެ. އަދި މި ދަތުރުތައް ފެށުމުގެ ކުރިން ޓެސްޓް ދަތުރުތަކެއް ވެސް ވަނީ ކުރެވިފައެވެ.
އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފެށިފައިވަނީ 2022 ވަނަ އަހަރުގެ ޖޫން 12 ވަނަ ދުވަހުއެވެ. ޤައުމީ ފެރީ ނިޒާމުގެ ދަށުން ރަށްތައް ގުޅާލުމަށް ހަމަޖެހިފައިވަނީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކުތަކުގެ އުސޫލުންނެވެ.

