ދިވެހީން، ގޮތް ހުރި މީހެކޭ ބުނެ އުޅެނީ ހަރުދަނާ ސިފަތަކެއް މީހެއްގައި ހުރީމާ، އެ ހުރި ސިފަތަކަށް ނިސްބަތް ކޮށެވެ. މީގެ އިދިކޮޅަކީ ގޮތް ނެތް މީހަކަށް ވުމެވެ. މިއީ އެއްވެސް އުޅުމެއް ބުޅުމެއް ނެތުމެވެ. އަޚުލާޤެއް ސުލޫކެއް ނުދަތުމެވެ. އެއްވެސް ކަމެއް ކުރުމުގައި ހަރުދަނާ ގޮތްތަކެއް، ބުއްދީގެ ހަމަތަކެއް ނެތި، ބޮޑުވަރިހަމަ ވުމެވެ.
އެހެންކަމުން ގޮތުގައި ހިފަހައްޓާ މީހާއަކީ، ގޮތް ހުރި މީހަކަށް ވާންޖެހެއެވެ. ގޮތް ހުރުމަކީ ރަގަނޅު އަޚުލާޤާއި ހެޔޮ ވިސްނުން ހުރުމެވެ. އެ އުސޫލުން ކަންކަން ކުރުމެވެ. މި ފަދައިން ހަމަ ގަބޫލުކޮށް ހަމަ ދިފާޢު ކުރާ މީހާއީ ގޮތުގައި ހިފަހައްޓާ މީހާ ކަމަށް ވިސްނެއެވެ.
މީގެ ސާޅީހަކަށް އަހަރު ކުރިން ރަށްފުށު ރަށެއްގައި ހިނގައި ދިޔަ ކަމެކެވެ. ގުޅުން ކުޑަ ދެމަފިރިއެކެވެ. މައްސަލަ އޮތީ ކާކުގެ ކިބައިގައިކަމެއް ނޭނގެއެވެ. ބައެއް ފަހަރު ކުދިޒުވާބުން، އަނެއް ބައިފަހަރު ގެރިޒުވާބުން އަބަދު ވެސް، ތަންގަނޑު މީހުންގެ މުނިފޫހި ފިލުވައިދެއެވެ. ދޭދެތެރެ ދޭތެރެއިން ވަރީގެ ރޭސް ވެސް ކާމިޔާބު ކުރެއެވެ. ގިނަ ދުވަހެއް ނުވެ އަނެއްކާ ވެސް ކާވަނީގެ ބެނދެވުމުން ބެނދެވިގަނެއެވެ.
މިރެޔަކީ އަނެއްކާ ވެސް ތަފާތު ރެޔެކެވެ. މި ދެމަފިރީންގެ ކާވަނީގެ ޙަޔާތުގެ ފަހުބެނދެވުމުން ބެނދެވޭރެޔެއެވެ. މި ގޮށް ބުރިވެއްޖެއްޔާ އެ ދެން އަބަދުގެ އަބަދަށް މި ގުޅުން ހަރާންވީއެވެ. ތިންތިންފަށްވީއެވެ.
އިޝާނަމާދަށް ފަހު ގޭތެރޭގައި ލުއި ސަޔެއް ވެސް އޮތެވެ. ކިރުސަޔާއި ކުދި ބިސްކޯދުން ސުފުރާ ފަޅުފިލުވައިލެވިފައިވެއެވެ. އަވަށްޓެރި އެއްފުރާގެ ބައެއް އެކުވެރީން މި ސައިގައި ބައިވެރިވެ މަޖާ ބަސް ބުނެލައި އުޅުނަސް، ދުވަސްވީ ހަރު ކުލައިގެ ބައެއް މީހުން ގިނައިން ދިނީ ހެޔޮ ނަސޭހަތެވެ.
ގިނަ އަހަރުތަކެއް ނުވިއެވެ. ބަލިގަނޑު ހިލިއްޖެއެވެ. ދެ މީހުންގެ ޒުވާބާއި ހަޅޭފަޅޭކާއި ގޭތެރޭ އެއްޗެހި ތަޅައި ބުރުއްސާއިރު ހީވަނީ މުޅި އެ އަވަށަށް ގޮއްފުޅަނގީގެ ތޫފާނެއް ލައިގަނެގެން އުޅޭހެނެވެ. މި ކަމުގައި އަނބިމީހާއަށް ވުރެ ކުރީގައި ހުންނަ ކަމަށް ފެންނަނީ ފިރިމީހާއެވެ. އަތް އިސްކުރާލެއް އަވަހީއެވެ. ޝައްކުގެ ސޯބުތައް އެނބުރޭލެއް ވެސް މާ ބާރީއެވެ.
އަނބިމީހާ ކޯޓަށް ހިނގާން ފަށައިފިއެވެ. މި ފަހަރު ވަރިވާން މި ޖެހުނީ ގަދަކަމުންނެވެ. ފިރިމީހާ އަމިއްލައަށް ވަރިބަސް ބުނާނެހެނެއް ހީއެއް ނުވެއެވެ.
މައްސަލަ ކޯޓުގައި ހިނގަމުން ދެއެވެ. ކުއްލިއަކަށް ފެނުނީ ފިރިމީހާ ދިރިއުޅެން ކުރި މަސައްކަތް ބަދަލުކޮށްލި ތަނެވެ. ދަނޑަށް ދިޔުން ހުއްޓައިލައި ވަޑާންގެއެއްގައި އަތްދަށުވަޑިއެއްގެ ގޮތުގައި އުޅެންފެށިތަނެވެ. ވަޑާންގެ ހުންނަނީ ކޮންތާކުތޯއެވެ؟
ގާޒީގެ ގޭގައެވެ. ނަމަވެސް މާވަޑިއަކީ އެހެން މީހެކެވެ.
އަންހެންމީހާ ފަކީރު ކޯޓަށް ހިނގައެވެ. ފިރިމީހާ ވެސް ކޯޓަށް ހާޒިރު ކުރެއެވެ. ރޫޅޭ ކާވަނީގެ ބާވަތަށް ބައްލަވައިފައިތޯއްޗެކެވެ! ގާޒީ ވެސް މި މައްސަލަ ފިނިކުރެއްވޭތޯ، ޞުލްޙަޔަކާ ދިމާޔަށް ދެވޭތޯ އުޅުއްވައެވެ.
މިހާރު ދެން މައްސަލައިގެ ކުންނަށް އަރައިފިއެވެ. ފިރިމީހާ އެކި ޝަރުޠުތައް ކުރިމަތި ކުރެއެވެ. ވަރި ނުކޮށް ވާނެ ހުރިހައި ގޮތެއް ޖަމާ ކުރެއެވެ. ހަމަ އެހެންމެ ދުވާލު ދާ ހަތަރުދަމު ގާޒީގެ ގޭގައި މަސައްކަތު އުޅޭތީ އެ ކަން ވެސް އޭރު އޮތީ ރަށުތެރޭގައި އަޑަކަށް ވެފައެވެ.
މައްސަލައިގެ އެންމެ ފަހު ދުވަހެވެ. ފިރިހެންމީހާ އޭނާގެ އަނބިމީހާ ވަރިކުރާން އެއްބަސް ވެއްޖެއެވެ. އެކަމަކު އަޖައިބެއް ކަހަލަ ޝަރުޠަކާ އެކީގައެވެ. އިނދެގެން އުޅުނު ދެ އަހަރާ ބައިގެ މުއްދަތުގައި އޭނާ އޭނާގެ އަނބިމީހާއަށް ހޯދައިދިން ހުރިހައި މުދަލެއް އަނބުރައި އެ ފިރިހެން މީހާގެ ގެއަށް ގެންދިޔުމުން ވަރިވީ އެވެ. ހެދުމެއް ހަރުވާޅެއް އަންނައެތިގަނޑެއް އިސްތިސްނާ އެއް ނުވާނެތާ އެވެ!
ހެނދުނު ސައި ބޮއިގެން އަންހެން މީހާ މި މަސައްކަތް ފަށައިފިއެވެ. ފިރިމީހާ ދިނިއްޔާ ދިންހައި އެއްޗެއް، ދަތް އުނގުޅާ ބުރުހަށް ދާންދެން، ބޮލު އަޅާ ފުނަޔަށް ދާންދެން، ހަނދާކޮށްގެން އަނބުރައި ރައްދުކުރެއެވެ. ކުށަކައި ނުލައި ވަޒީފާއިން ވަކި ކުރި ފުލުހަކު، އޭނާގެ ޔުނީފޯމާއި އެ ނޫން މާއްދީ ޢިނާޔަތްތައް އަނބުރައި ފުލުސް އޮފީހާ ހަވާލުކުރާ މިސާލުގައެވެ. ނިކަމެތިކަމާއި ނަފުރަތުގެ އިޙްސާސްތަކާއެކީގައެވެ.
ހަމަޖެހިފައި އޮތް ގޮތުގެ މަތިން ކަންކަން ނިމިއްޖެއެވެ. ދެން އޮތީ ކޯޓުމަރުޙަލާގައި ވަރި ކަށަވަރު ކުރުމެވެ. ފިރިމީހާ އެދުނު ގޮތަށް ހުރިހައި އެއްޗެއް އެ ގެއަށް ގެންގޮސްފީމުތޯ އެއްސެވުމުން އަނބިމީހާ ލައްބައޭ ދެންނެވިއެވެ. އެއީ ތެދެއްތޯ އެއްސެވުމުން ފިރިމީހާގެ ޖަވާބަކަށްވީ އެ ގޮތަށް އެކަން ކޮށްފައި ނުވާކަމަށެވެ. ހުރިހައި އެއްޗެއް އަދިވެސް ހަމައަށް ނުގެންދާ ކަމަށެވެ. ގާޒީ އަނެއްކާ ވެސް ސުވާލު ކުރެއްވީ އަންހެންމީހާއާ އެވެ. އޭނާ ނަންގަތީ ހަނދާންހުރި ހުރިހައި އެއްޗެއް ހުންނާނީ ގެންގޮސްފައިކަމަށެވެ. އިތުރު އެއްޗެއް ވާ ނަމަ އެއީ ކޮން އެއްޗެއްތޯ ފިރިމީހާއާ އޭނާ ސުވާލު ކުރިއެވެ.
“މަ ނުޖެހޭނެ ބުނާކަށް. ކަލެއަށް ދުނިޔޭގެ ތަންދޮރު ވަކި ވާން ވާނެ،” ފިރިމީހާ “ފެލިގަތެވެ.”
ދެ ފަރާތުގެ ވާހަކަ ގާޒީ އެއްސެވީ ފަރުވާތެރިކަމާއެކީގައެވެ. އިތުރަށް ކުރައްވަން ބޭނުންވި ސުވާލުތައް ވެސް ކުރެއްވިއެވެ. އެއަށްފަހު ނިންމެވުމެއް ނިންމެވިއެވެ. ދެ މަފިރީން ވަރިވީކަމުގައި އެންގެވިއެވެ. ތިންފަށް ވަރިއަކުން ވަރިވީއެވެ.
މޫނު އުލެއްހެން ހަދައިގެން ފިރިހެންމީހާ ކޯޓުން ނިކުމެގެން ދިޔައީ ވައިސޫރިއެއްގެ ބާރު މިނުގައެވެ. އޭގެ ފަހުން ގާޒީގެ ގޯއްޗާ ވައިވެސް ނޭޅެއެވެ. ކުރިން ވަޑާން ކުރުމުގައި އަވަދިނެތި އުޅުނަސް، މިހާރު އޭނާ އަވަދިނެތިފައި ވަނީ އޭނާގެ މައްސަލަޔައިގެންނެވެ.
ވެވުނު ވަރި އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. މީހުންގާތު އެވާހަކަ އޭނާ ބުނެއެވެ. ކީއްވެތޯ ސުވާލު ކުރެވުނީމާ ދޭ ޖަވާބަކީ ކޮބައިތޯއެވެ؟
“މަ ބުނެފައި އޮންނާނީ މަ ދިން ހުރިހައި އެއްޗެއް އަނބުރާ ހަވާލު ކުރެވުނީމައޭ ވަރިވާނީ. ހުރިހައި އެއްޗެއް ހަވާލެއް ނުކުރޭ،”
ހަވާލު ނުކުރަނީ ކޮންއެއްޗެއްތޯ އަހައިލުމުން މިހާރު އޭނާ ވަރަށް ފަސޭހައިން އެ އެއްޗެއްގެ ނަން އެބަ ބުނެއެވެ. ތިޔަ ހީފުޅު ކުރެއްވި ފަދައިން ފަހަރެއްގައި ވެސް އެއީ، އަލިމަހެއް ޖަވާހިރެއް، ފީރޯޒެއް އަސްރަފީއެއް، މުތެއް މަނިކެއް ޔާގޫތެއް ނޫނެވެ. އޭނާ ބުނެއެވެ.
“އަހަރެން އޭނާއާ ކާވަނިކުރި ރޭ ގަތް ކުދި ބިސްކޯދު ޑަބިޔަލެއް ހުސްވުމުން އެ ޑަބިޔާ މިހާރު އެގޭ ބަދިގޭ ފުއްޑުނުގައި ނާށި އަޅަން ބަހައްޓައިފައި ހުންނަތާ ދެ އަހަރެއްހައި ދުވަސްވެދާނެ. އެ ޑަބިޔަލެއް ނުގެނޭ. އެހެން ވީމާ ގާޒީ ބުންޏަސް ކިހިނެއް ވަރިވިކަމަށް ވާނީ؟”
ކޮންމެއަކަސް އޭނާގެ މިވާހަކަ އޭނާ ވަރަށް ގިނަ މީހުން ގާތުގައި މި ރާގަށް ދެއްކިއެވެ. މަރު ދުވަހަށް ވެސް އޭނާ ހުރީ މި ބަހުގެ މަތީގައެވެ. މި ބަހުގައި ހިފަހައްޓައިގެންނެވެ. އިތުރު އެހެން މީހަކާ އިންނާކަށް ވެސް ނޫޅުނެވެ.
ބައެއް މީހުން އޭނާގެ މި ޝަކުވާ އަޑު އަހައިފައި، އެއްޗެއް ނުބުނެ އެމީހުންގެ ޝުޢޫރުތައް އެތެރެއަށް ހިންދައިލައެވެ. ބައެއް މީހުން ދިމާކުރުމުގެ ޒާތުން “އެހެންވީމާ ތިޔައީ ވަރިޑަބިޔާތާ” އޭ ބުނެ އުޅުނެވެ. އެކަމަކު ގިނަ މީހުންގެ ހިތުގައި އޭނާއާ މެދު ފަހުން އުފެދުނީ ހަމްދަރުދީގެ އިޙްސާސެވެ. އޭނާގެ ވިސްނުމުގެ ހާލު ހުރި ގޮތާ މެދުގައެވެ. ދިރިއުޅުމާއި ދުނިޔެ އޭނާއަށް ފެނުނު ގޮތާ މެދުގައެވެ!!
(ލިޔުންތެރިކަމުގެ ގުޅުން، އާދަމް ނަޞީރު އިބްރާހީމް)

