އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ ގޮތަށް ވިޔަފާރި ބޭނުންތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން “އެމްއެމްއޭ”އިން ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ޔޫއެސް ޑޮލަރުގެ އަދަދު ބޮޑުކުރުމަށް އެމްއެމްއޭއިން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން އެމްއެމްއޭއިން މިއަދު ބުނީ، އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ ގޮތަށް ވިޔަފާރި ބޭނުންތަކަށް އެމްއެމްއޭއިން ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ޔޫއެސް ޑޮލަރުގެ އިންސައްތަ %10 ބޮޑުކުރުމަށް ނިންމާފައިވާކަމަށެވެ.
މި ބަދަލާ ގުޅިގެން ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ އަދަދު %40 އަށް އިތުރުކުރުމަށް މަގުފަހިވެގެން ދާނެއެވެ.
މި އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ ހަފްތާއަކު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާ %60 އިން %90 އަށް ވަނީ މަތިކޮށްފައެވެ. ނަމަވެސް އެމްއެމްއޭއިން ހަމާކުރާ ގޮތުގައި، ބޭންކުތަކުން އިތުރަށް މާރުކުރާ މި %30 އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ދަނީ ވިއްކަމުންނެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު މަގްސަދަކީ ކޮންމެ ހަފްތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް،މިހާރަށްވުރެ، ހަރުދަނާ އަދި އިކުއިޓަބަލް ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުންކަމުގައި އެމްއެމްއޭއިން ހާމަކުރެއެވެ.
އެމްއެމްއޭއިން އިން ބޭންކުތަކަށް އަނބުރާ ދެވޭ 30 އިންސައްތަ ބޭނުންކުރަނީ ވަކި ކަންކަމެއްގައެވެ. އެގޮތުން، އާންމުންގެ އެކިއެކި ޒަރޫރީ ބޭނުން ތަކަށާއި ކާބޯތަކެތިއެތެރެކުރުން ފަދަ ކަންތަކަށް ހޭދަކުރެވެއެވެ.
ފޮރިން އެކްސްޖޭންޗް ޤާނޫނަށް ގެނައި ބަދަލާއެކު ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރު އިންސައްތަ މިހާރު %30 ޖެހިލާފައިވާއިރު އަމާޒަކީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު %50 އިންސައްތައަށް އިތުރުކުރުންކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ.

