ކެންބޯޑިއާގެ ސިއަމްރީޕްގައި މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއާ މީޑިއާ ސަމިޓްގެ ޕްލިނަރީ ސެޝަނެއްގައި ވާހަކަފުޅު ދައްކަވަމުން، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގައި މީޑިއާގެ ދައުރު މުހިއްމު ކަމަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)ގެ ޗެއަރޕަރސަން އައިމިނަތު ނަމްޒާ ވިދާޅުވެއްޖެއެވެ.
“އިންސްޕެއަރިންގ ވޮއިސަސް ފްރޮމް އެކްރޮސް ދި ވޯލްޑް” މައުޟޫއަށް ޚާއްސަކުރެވުނު ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ނަމްޒާ ވިދާޅުވީ، “ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަދު އަޅުގަނޑުމެންނަށް ނުއިވޭ އަޑުތަކެއް އެބަހުރި” ކަމަށެވެ. އަދި ނާޒުކު ހާލަތުގައި ދިރިއުޅެމުންދާ މީހުންނާއި އެކިކަހަލަ ތަކުލީފުތަކުގައި ދުވަސްތައް ގުނަމުންދާ ފަރާތްތަކުގެ ވާހަކަތައް މީޑިއާގައި ޖައްސަން ޖެހޭކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މިފަދަ ވާހަކަތަކުން މުޖުތަމަޢުގެ ފަރުދުންގެ މެދުގައި އިހުސާންތެރިކަމާއި ކުލުނުވެރިކަމުގެ އިތުރުން އޯގާތެރިކަމާއި އެހީތެރިކަން އާލާކުރެވޭނެ ކަމަށް ނަމްޒާ ވިދާޅުވިއެވެ. އަދި މިފަދަ ތަޖުރިބާތަކުން އަނެކުންނަށްވެސް އިބުރަތް ހާސިލުކުރެވި، ތިމާއަށް ލިބިހުރި ނިޢުމަތްތަކަށް ޝުކުރުވެރިވާ ބަޔަކަށް މުޖުތަމަޢުގެ މީހުން ވެގެންދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު މީޑިއާ ތަރައްޤީވަމުންދާއިރު، އިންސާނީ އިހުސާސްތަކާއި ތަޖުރިބާތައް ފުހެވިގެން ދިއުމަށް ފުރުސަތު ދީގެން ނުވާނެކަމަށް ނަމްޒާ އިންޒާރު ދެއްވިއެވެ. އަދި މީޑިއާއަކީ އެކި ބަހުރުވައިން ވާހަކަދައްކާ، އެކި ޤައުމުތަކުގައި ދިރިއުޅޭ އެތައް ބަޔަކު ގުޅުވައިދޭ މުހިއްމު ވަސީލަތެއްކަން ފާހަގަކުރައްވައި، މި ވަސީލަތުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފުމަށް މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް އިލްތިމާސް ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ދެއްވާ އިސްކަން ފާހަގަކުރައްވައި، ޕީ.އެސް.އެމްގެ ޕްރޮގްރާމްތައްވެސް މި މަޤްޞަދު ހާސިލުކުރުމަށް އަމާޒުކުރެވިގެން ކުރިއަށްދާކަން ނަމްޒާ ހާމަކުރެއްވިއެވެ. ސެޝަންގައި ބައިވެރިވި މަންދޫބުން ވަނީ ޗެއަރޕަރސަން ނަމްޒާގެ ވާހަކަފުޅަށް ތަރުހީބު ދެއްވާފައެވެ.

