މާލެ ސަރަހައްދުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 2 ވަގުފު އިމާރާތް ކަމުގައިވާ “ދާރުލް އަރްގަމް” އާއި ހުޅުމާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ “ދާރުލް ސަލާމް” އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ.
ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ މި ދެ އިމާރާތުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް މިއަދު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިއުލާން ކޮށްފައިވާއިރު، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން “އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު” އާއި އެއްގޮތްވާގޮތުގެމަތީން އިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުން ބީލަމަށް އެދި ހުށަހެޅުމަށް އިއުލާނުގައިވެއެވެ.
އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައިވާއިރު، ބީލަމުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
ރާއްޖޭގައި މިހާރު ހުރި ހަމައެކަނި ވަގުފު އިމާރާތަކީ 2017 ވަނަ އަހަރު ހުޅުވުނު “ދާރުލް އީމާން” އެވެ. ނުވަ ބުރީގެ މި އިމާރާތް ހުޅުވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

