އެމެރިކާގެ މަޝްހޫރު ތަރި މަލްކަމް ޖަމާލް ވާނާ ގެނބިގެން މަރުވެއްޖެއެވެ.
އޭނާ މަރުވީ ކޮސްޓަރިކާގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް، ފެތުމުގެ ތެރެއިން ގެނބިގެންނެވެ.
މަޝްހޫރު ފިލްމް، “ދަ ރެޒިޑެންޓް” އިން އާންމުންގެ ތެރޭގައި މަގްބޫލްކަމެއް ހޯދި މަލްކަމް ވަނީ ” ދަ އެމެރިކަން ހޮރޯ ސްޓޯރީ”، އަދި “ކޮމިއުނިޓީ” ފަދަ މަޝްހޫރު އެހެން ސީރީސްތަކުންވެސް ފެނިގެން ގޮސްފައެވެ.
54 އަހަރުގެ ވާނާ ވަނީ 1984-1992 އަށް އެމެރިކާގެ ވަރަށް މަގުބޫލު ސިޓްކޮމް “ދަ ކޮސްބީ ޝޯ” ގައި ބިލް ކޮސްބީގެ ދަރިފުޅުގެ ރޯލުން ފެނިގެން ގޮސްފައެވެ. އޭނާ މަރުވުމާއި ގުޅިގެން ކުއެސްޓްލޯވް، ޖެނިފާ ހަޑްސަން، ތަރާޖީ ޕީ ހެންސަން، ޖެނިފާ ލަވް ހެވިޓް އަދި މެޖިކް ޖޯންސަން ފަދަ މަޝްހޫރު ފަރާތްތަކުން ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާކިޔާފައެވެ.
ކަމާބެހޭ ފަރާތްތަކުން ބުނީ އެތަނުގައި ތިބި މީހުން އޭނާ ގެނބުމުން ސަލާމަތްކޮށް އެއްގަމަށް ގެނެސް، ކޮސްޓަރިކާގެ ރެޑްކްރޮސް އިން އޭނާއަށް ފަރުވާ ދޭން މަސައްކަތް ކުރި ނަމަވެސް ހާދިސާ ހިނގި ތަނުގައި އޭނާ މަރުވެފައިވާ ކަމަށެވެ.
ވާނާ މަރުވިއިރު، އޭނާގެ އަންހެނުންނާއި އަންހެން ދަރިފުޅު ދުނިޔޭގައި އެބަތިއްބެވެ.
ވޯނަރ އަކީ 1986 ވަނަ އަހަރު ދަ ކޮސްބީ ޝޯގައި އޭނާ ދެއްކި ކުޅަދާނަކަމުގެ ސަބަބުން ކޮމެޑީ ސީރީޒެއްގެ އައުޓްސްޓޭންޑިން ސަޕޯޓިން އެކްޓަރުގެ އެމީ އެވޯޑަށް ނޮމިނޭޓްވި ތަރިއެކެވެ.

