ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސެންޖަރު ޓާމިނަލް ހުޅުވުމަށް ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް 26 ޖުލައިގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތާ ގުޅިގެން، އެދުވަހު އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.
އެއަރޕޯޓް ހިންގާ އެމްއޭސީއެލްއިން މިކަން އިއުލާނުކުރަމުން ބުނެފައިވަނީ، އެދުވަހުގެ ރޭ 19:00 އިން 23:30 އަށް އެއަރޕޯޓަށް ވަދެނިކުމެވޭ ގޮތަށް ބަދަލު ގެނެވޭނެ ކަމަށެވެ. މިގޮތުން އެއަރޕޯޓަށް ވަންނަ މަގާއި ޓާމިނަލް ސަރަހައްދަށް ވަދެވޭނީ ހަމައެކަނި ހުއްދަ ދެވިފައިވާ އުޅަނދުތަކަށެވެ.
އެމްއޭސީއެލްއިން ހާމަކުރި ގޮތުގައި، މި ވަގުތުތަކުގައި ޓެކްސީ އަދި އަމިއްލަ އުޅަނދުތަކަށް ޕޮލިސް ޕޯސްޓް އަދި އިރުމަތީ ފަރާތު ޕާކިން ސަރަހައްދަށް އާދެވޭނެއެވެ. އަދި ޓާމިނަލް ސަރަހައްދަށް ދިއުމަށް އެމްއޭސީއެލްގެ އުޅަނދުތައް ހަމަޖެހިފައިވާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. މީގެ އިތުރުން، ފެރީ އަދި ބަހުގެ ޚިދުމަތް މެދުކެނޑުމެއްނެތި މާލެ އާއި ހުޅުމާލެއިން ހުޅުލެއަށް ދަތުރުކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.
މި މަޝްރޫއަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ސިނާއަތުގެ އެންމެ ބޮޑު މަޝްރޫއެވެ. އަހަރެއްގެ މައްޗަށް 7.5 މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ދެވޭނެ މި ޓާމިނަލްގައި އެއިރޯ ބްރިޖްއާއި، ސެލްފް ޗެކިން ސިސްޓަމްއާއި، އޮޓޯމެޓިކް ބެގޭޖް ހެންޑްލިންގ ސިސްޓަމްގެ އިތުރުން އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑެންސް ސިސްޓަމްތަކުގެ ޚިދުމަތް ލިބިގެންދާނެއެވެ.
އެމްއޭސީއެލްއިން މިހާރު ދަނީ އެއަރޕޯޓު ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން މުވައްޒަފުންނަށް ތަމްރީނުތައް ދިނުމާއި އެއަރޕޯޓުގައި ބޭނުންކުރާ ތަކެތީގެ ޓެސްޓިންގ މަރުހަލާތައް ވަނީ ފަށާފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލްގައި 78،000 އަކަމީޓަރުގެ ޖާގަ ހިމެނޭއިރު، އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކަމަށް ލަފާކުރެވެއެވެ. މި ޓާމިނަލްގައި ހަ އެއިރޯ ބްރިޖު ބަހައްޓާނެއެވެ.
އެވްރެޖުކޮށް ދުވާލަކު 8،000 ފަސެންޖަރުންނަށް ޚިދުމަތް ދެވޭނެ މި ޓާމިނަލްގައި 47 ޗެކްއިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކިއޮސްކް ހުންނާނެއެވެ. މީގެ އިތުރުން ޒަމާނީ ބެގެޖް ހޭންޑްލިން ސިސްޓަމަކާއި އެޑްވާންސް ސެކިއުރިޓީ ސްކްރީނިން ސިސްޓަމެއްވެސް ޤާއިމުކުރެވޭނެއެވެ.
ދަތުރުވެރިންގެ ފަސޭހައަށް ޑިއުޓީ ފްރީ ފިހާރަތަކާއި ކެއުން ބުއިމަށް ޚާއްސަ ރެސްޓޯރަންޓްތަކާއި ކެފޭތައްވެސް އާ ޓާމިނަލްގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

