މާލޭގެ ލަގްޒަރީ ފުރަގަހުގައި އޮންނަ އަނބުގަސްމަގުގައި ހުންނަ މ. ހަވާއީ ގޭގައި ކުރަމުންދިޔަ މަސައްކަތެއްގެ ތެރޭގައި އިންވެގެން ހުރި މ. ތަކަންދޫ ގޭގެ އިންފާރު ވެއްޓި، އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މިއަދު ހަވީރު 5:00 ހާއިރު ހިނގި މި ހާދިސާއާ ގުޅިގެން ތަކަންދޫ އިން މައުލޫމާތު ލިބިފައިވާ ގޮތަކީ، ވެއްޓުނު ފާރަކީ ވަރަށް ދުވަސްވެފައި ހުރި ފާރެއް ކަމަށާއި، ގާތްގަނޑަކަށް އަށް ފޫޓު އުސްމިނުގައި ރާނާފައި ހުރި އެ ފާރަށް، އިންވެގެން އޮތް ގޭގެ މަސައްކަތް ފެށުމާއެކު ގުޑުން އަރަން ފެށި ކަމަށެވެ.
“ރިޕޯޓު ކުރިން އެތައް ފަހަރަކު، އެ މީހުން ގެންނަން ވެސް ގެނައިން. ކުރިން ވެސް ބުނިން މި ދުވަސް އަންނާނޭ. އެހެން ހުއްޓާ މިއަދު އެ ފާރު އެ ވެއްޓުނީ” ކަމަށް އެގޭގައި އުޅޭ ފަރުދަކު ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެރަށު ހަވާއީގޭގެ ވަށާފާރު ރާނަން ފެށުމާ ގުޅިގެންނެވެ. އެގޮތުން، ފާރު ރޭނުމުގެ ބަދަލުގައި ތައްގަނޑަށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ކުރަމުންދިޔަ ކަމަށާއި، އޭގެ އެތެރޭގައި ހޮއި ހެދިދާނެތީ ޕަމްޕަކުން ޕްރެޝާ ކުރަމުންދިޔަ ކަމަށެވެ. މިގޮތަށް މަސައްކަތް ކުރަމުންދިޔައިރު، ބިންގަނޑަށް ގުޑުން އައިސް ފާރު ވެއްޓުނު ކަމަށް ވަނީ ހަބަރު ލިބިފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވިނަމަވެސް، އެ ގޭގައި ދިރިއުޅޭ އާއިލާގެ އެޕާޓްމަންޓަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.. އެގޮތުން، ދޮރުތަކުގެ ބިއްލޫރިތައް ތެޅި، ހިފާގެންގުޅޭ ގިނަ ސާމާނުތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ފާހަގަކުރިއެވެ.
މި ހާދިސާއާ ގުޅިގެން މިވަގުތު މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ފުލުހުންގެ އިތުރުން ސްޓެލްކޯގެ މުވައްޒަފުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފަައެވެ.

