މިލަދުންމަޑުލު ދެކުނުބުރީ ވިހަފަރުގައި ވައިގެ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިޢުލާނު ކުރައްވައިފިއެވެ. މި އިޢުލާން ރައީސް ކުރެއްވީ ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޮޅުދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްފަހުއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، އެ އަތޮޅު މާފަރުގައި ވައިގެ ބަނދަރެއް ހުރި ނަމަވެސް، ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ ހިމެނޭ ސަރަޙައްދުގައި އިތުރު ވައިގެ ބަނދަރެއް އޮތުމަކީ މުހިންމު ކަމެކެވެ. “ޚާއްޞަކޮށް ފަތުރުވެރިކަމުގެ ގޮތުން ކުރިއަރާފައިވާ އަދި ކުރިއަރަމުންދާ އަތޮޅެއްގެ ގޮތުންނާއި، އިޤްތިޞާދު ސިންދަފާތުކުރުމުގެ ބޮޑެތި މަޝްރޫޢުތައް ހިނގާނޭ އަތޮޅެއްގެ ގޮތުން، މި ވައިގެ ބަނދަރު އޮތުމުން ދުރު ރާސްތާގައި ލުއިފަސޭހައާއި ފައިދާ ލިބޭނެ” ކަމަށް ރައީސް ވިދާޅުވިއެވެ.
ހޮޅުދޫގެ ތަރައްޤީއާ ގުޅޭގޮތުން ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ހޮޅުމީދޫގައި އަސާސީ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްވެސް އަންނަ އަހަރު ފެށޭނެއެވެ. އަދި ނިއު ޕޮލިސީ އިނީޝިއެޓިވްސްގެ ދަށުން އިސްލާމީ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތްވެސް އަންނަ އަހަރަށް ވަނީ ތާވަލުކުރެވިފައެވެ.
މީގެއިތުރުން، ސެޕްޓެމްބަރު މަހު ސޮއިކުރެވޭ އައު މަޝްރޫޢުތަކުގެ ތެރޭގައި ބަނދަރު ތަރައްޤީކުރުމާއި، ބިން ހިއްކުމާއި، ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމާއި، ފުޓްސަލް އަދި ހޭންޑްބޯލް ދަނޑުގެ މަސައްކަތްތައް ހިމެނެއެވެ. އަދި ރިންގް ރޯޑްގެ މަސައްކަތާއި ފެނުގެ ނިޒާމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރޭގެ ބައްދަލުވުމުގައި ރާއްޖޭގެ އެންމެ ދުވަސްވީ އެއް ސްކޫލް ކަމަށްވާ ހޮޅުދޫ މޭނާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި، ތަޢުލީމީ ވުޒާރާއާއި އެމްޓީސީސީއާ ދެމެދު ސޮއިކުރެވުނެވެ.

