ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނ. ފޮއްދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި ހިންގާ ތަރައްޤީގެ 4 މަޝްރޫޢެއް ފައްޓަވައިދެއްވައިފިއެވެ. މިގޮތުން ފައްޓަވައިދެއްވި މަޝްރޫޢުތަކުގެ ތެރޭގައި ފުލުހުންގެ މަރުކަޒާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ބަނދަރު އަދި ސިއްޙީ މަރުކަޒު ހިމެނެއެވެ.
500 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ފޮއްދޫގައި އެންމެ ފުރަތަމަ ފެށި މަޝްރޫޢަކީ ފުލުހުންގެ މަރުކަޒެވެ. މި މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނާއި ފޮއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.
ޒުވާނުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ދުޅަހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި ފޮއްދޫގެ އެންމެ ބޮޑު އެއް ގޮންޖެހުމަށް ހައްލެއް ގެނައުމުގެ ގޮތުން ބަނދަރު ހެދުމުގެ މަޝްރޫޢު ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
ފޮއްދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މިހާތަނަށް އެރަށަށް އަރައި ފޭބުމަށް ބޭނުންކުރަމުން އައީ ޖެޓީއެއް ކަމަށްވާތީ، ބަނދަރެއް ހެދުމަކީ ރައްޔިތުން އެތައް އަހަރެއް ވަންދެން އެދެމުން އައި ކަމެކެވެ.
މީގެއިތުރުން، 18 އެނދުގެ ސިއްޙީ މަރުކަޒެއް އިމާރާތްކުރުމުގެ މަޝްރޫޢުވެސް ވަނީ ފައްޓަވައިދެއްވާފައެވެ. މި މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމެވެ. މި މަޝްރޫޢުވެސް ކުރިއަށް ގެންދާނީ އެމްޓީސީސީންނެވެ.
މި މަޝްރޫޢުތައް ފެއްޓެވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފޮއްދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ އެހެނިހެން މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.

