ސަރުކާރުން ނ. ހޮޅުދޫގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މި ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިޔާ ޖެނެރަލް (ރިޓަޔާޑް) ޢަލީ ޒުހައިރު އަދި ހޮޅުދޫ ކައުންސިލްގެ ރައީސް ރިލްވާން މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ސަރުކާރުން މި މަޝްރޫޢު ކުރިއަށް ގެންދަނީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމުގެ އަމާޒުގައެވެ. މި ސެންޓަރުތައް ޤާއިމުކުރެވިގެންދިއުމާއެކު ޒުވާނުންގެ ދުޅަހެޔޮކަމަށް ގިނަ ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިއްޔެ ހަވީރު ހޮޅުދޫއަށް ވަޑައިގެން، ހޮޅުދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރޭ ބޭއްވެވި ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި، ނ. ވިހަފަރުގައި ވައިގެ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފައްޓަވާނެ ކަމުގައި އިޢުލާނު ކުރެއްވިއެވެ. އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ އިތުރުން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތައް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރިއަށް ގެންދާ ކަމަށް ވިދާޅުވިއެވެ.

