މާލޭގައި އިމާރާތްކުރާން ހަމަޖެހިފައިވާ ވަޤުފް ޢިމާރަތްކަމަށްވާ ދާރުލްއަރުޤަމްއާއި ހުޅުމާލޭގައި އިމާރާތްކުރާން ހަމަޖެހިފައިވާ ދާރުއްސަލާމް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދާން މިއަދު އިޢުލާންކޮށްފިއެވެ.
މާލޭގައި ދާރުލްއަރުޤަމް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ހެންވޭރު އަވަށު 64 ނަންބަރު ކޮށީގައެވެ. އަދި ހުޅުމާލޭގައި ދާރުއްސަލާމް އިމާރާތްކުރާން ހަމަޖެހިފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި (ލޮޓް ނަންބަރު: 11646)އެވެ.
މި ބީލަން ހުޅުވައިލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު”ގައިވާ ގޮތުގެ މަތީން ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ޓަކައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށައަޅާން އެ އިޢުލާނުގައި ވަނީ އެދިފައެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2025 ޖުލައި 31ވާ ބުރާސްފަތި ދުވަހު 14:00ގެ ކުރީން އެ ވުޒާރާއަށް ލިންކު މެދުވެރިކޮށް ފޯމު ހުށައަޅާން ޖެހޭނެއެވެ.
އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2025 އޮގަސްޓް 21ވާ ބުރާސްފަތި ދުވަހުގެ 10:00ގައެވެ.
މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2025 އޮގަސްޓް 5ވާ އަންގާރަ ދުވަހު 10:00 ކުރީން tender@islamicaffairs.gov.mvއަށް އީމޭލުކުރާން ނުވަތަ 3020252، 3020212 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
ދާރުލްއަރުޤަމް ވަޤުފް އިމާރަތާއި ދާރުއްސަލާމް ވަޤުފް އިމާރާތަކީ މި ސަރުކާރުން އިސްލާމީ ދާއިރާއިން ކުރިއަށް ގެންދާން ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫޢުއެވެ. މި ދެ މަޝްރޫޢު ނިމުމާ އެކު ދީނީ ކަންތައްތަކަށް ހޭދަކުރުމަށް ބޮޑު އާމްދަނީއެއް ލިބޭނެކަން ފާހަގަކޮށްލެވެއެވެ.

