ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަށް ފުރުސަތު ލިބިވަޑައިގަތުމަކީ ޝަރަފެއް ކަމަށް އިންޑިއާގެ ބޮޑުުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ.
މޯދީ މިފަދައިން ވިދާޅުވެފައިވަނީ މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މޯދީ ވިދާޅުވީ އަންނަ ހުކުރު ދުވަހު ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވަވަޑައިގަތުމަކީ ފަހުރެއް ކަމަށެވެ.
ރާއްޖެ ވަޑައިގަންނަވަނީ ރަައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކަމަށާއި، ރައީސްއާ އެކު ބާއްވާ ބައްދަލުކުރެއްވުމުގައި ރާއްޖެ-އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާތައް ކުރައްވާނެ ކަމަށް މޯދީ ވިދާޅުވިއެވެ.
މީގެ އިތުރުން، މި އަހަރަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމް ކުރިތާ 60 އަހަރު ފުރޭ އަހަރުކަމަށާ، މި ދަތުުރުފުޅުގެ ތެރެއިން ރައީސް މުއިއްޒާ އެކު ބާއްވަވާ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރުމާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށް މޯދީ ވިދާޅުވިއެވެ.
މޯދީ އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށެވެ.

