ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ހިންގަމުންދަނީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިއަދު ހާމަކޮށްފިއެވެ.
އެމްއެމްއޭއިން މިފަދައިން ބުނެފައިވަނީ އެސްޑީއެފްސީގައި އޮތް ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކައިލުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެން، އެ މުއާމަލާތް ހިންގަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.
އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި، އެ މުއާމަލާތާ ގުޅިގެން ލިބިފައިވާ މައުލޫމާތުތަކަށް ބަލައި، އެ އޮތޯރިޓީގެ އާއްމު އުސޫލުތަކާ އެއްގޮތަށް މުއާމަލާތް ހިންގުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަކުރޭތޯ އެމްއެމްއޭއިން ދަނީ ބަލަމުންނެވެ.
އެސްޑީއެފްސީ ގަތުމަށްފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯނު، އަދި 5 އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ބީއެމްއެލްއިން ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން، ބިޒްނަސް ސްޓަރޓްއަޕްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް 3 އަހަރުދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ.
ބީއެމްއެލްއިން އެސްޑީއެފްސީ ގަތުމަށްފަހު، އެ މުއައްސަސާ ހިންގުމަށް ރޭވިފައިވަނީ ޝަރީއާގެ އުސޫލުން މާލީ މުއާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައެވެ. އަދި މިހާރުގެ އިންޓަރެސްޓް ރޭޓްތަކަށް ވުރެ ބޮޑުނުވާ ގޮތަށް، ޑިޖިޓަލް ބޭންކިންގގެ ނިޒާމުގެ ތެރެއިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ.

