ނ. ވެލިދޫގައި މުޅިން އަލަށް ތަރައްޤީ ކުރާ ހޮސްޕިޓަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމްއާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު އަދި ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިންއެވެ.
މި މަޝްރޫޢަކީ އާބާދީ ބޮޑެތި ރަށްތަކުގައި ސިއްޙީ ޚިދުމަތް ހޮސްޕިޓަލް ފެންވަރަށް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި އާރްޑީސީއާއެކު ސޮއިކުރެވިފައިވަނީ މިއަހަރުގެ މާރޗް މަހުގެ 29 ވަނަ ދުވަހުއެވެ.
108 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 540 ދުވަހުގެ ތެރޭގައެވެ. މި ހޮސްޕިޓަލް ނިމުމުން ވެލިދޫ އަދި އެ ސަރަޙައްދުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.
ސަރުކާރުން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.

