ނ. ވެލިދޫގައި އަޅާ ކޮމިއުނިޓީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާނާއި، ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު އަދި ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫޢަކީ ސަރުކާރުން ޑްރަގް ރިހެބިލިޓޭޝަން ފަރުވާގެ ނިޒާމު ފުޅާކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން، ވެލިދޫ، ކާށިދޫ އަދި ލ. ގަމުގައި ޤާއިމުކުރަން ނިންމާފައިވާ ސެންޓަރުތަކުގެ ތެރެއިން އެއް ސެންޓަރެވެ. މި ސެންޓަރުތަކަކީ ޑްރަގްގެ ވަބާގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ބޭސްފަރުވާއާއި އެހެނިހެން ފަރުވާގެ ޕްރޮގްރާމްތައް ހިންގުމަށް ޚާއްޞަކުރެވޭ ތަންތަނެވެ.
މިހާރު ރާއްޖޭގައި ޑްރަގް ރިހެބިލިޓޭޝަންގެ ފަރުވާ އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަނީ މާލެ ސަރަހައްދުގައެވެ. އަތޮޅުތަކުގެ އެކި ހިސާބުތަކުގައި ޑްރަގް ފަރުވާގެ 6 ސެންޓަރު ހުރި ނަމަވެސް، އެންމެ ޒަމާނީ އަދި އެކަށީގެންވާ ފަރުވާ އެތަންތަނުގައި ޤާއިމުވެފައެއް ނުވެއެވެ.
ސަރުކާރުން މި މަޝްރޫޢުތަކުގެ އަމާޒަކީ އާ ސެންޓަރުތަކުގެ މަސައްކަތް ނިމިގެންދާއިރު، ފަރުވާގެ ވަށާޖެހޭ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު މި ޚިދުމަތް ލިބޭނެ މަގު ފަހިވެގެން ދިއުމެވެ.

