އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާކްގެ ދަށުން ޒޯން 2 ގައި ހިމެނޭ ބ. އަތޮޅުގައި އާރްޓީއެލް ފެރީ ޚިދުމަތް ފެށުމުގެ ކުރިން، ޖުލައި 28 އިން އޯގަސްޓު 3 އަށް ހިލޭ ދަތުރުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ބ. އަތޮޅުގައި އާރްޓީއެލް ފެރީ ޚިދުމަތް ފެށުމަށް ކުރަންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަނީ ނިމިފައެވެ. އަދި ރައްޔިތުންނަށް މި ޚިދުމަތް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ހިލޭ ދަތުރުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މި ޚިދުމަތަށް ރައްޔިތުން އަހުލުވެރިކުރުމަށް ކުރިއަށްގެންދާ ހިލޭ ދަތުރުތަކަށްފަހު، އޯގަސްޓު 4 އިން ފެށިގެން ފެރީ ދަތުރުތައް ކުރިއަށްގެންދާނީ ޓިކެޓު ނަގައިގެންނެވެ. ޓިކެޓު ގަތުމަށް އޯގަސްޓު 1 އިން ފެށިގެން މޯބައިލް އެޕާއި ވެބްސައިޓް މެދުވެރިކޮށް ޚިދުމަތް ލިބެން ހުންނާނެއެވެ.
ޒޯން 2 ގައި ހިމެނޭ އެހެން އަތޮޅުތަކަށް ބަލާއިރު، ޅ. އަތޮޅު، ނ. އަތޮޅު އަދި ރ. އަތޮޅުގައި މިހާރުވެސް އާރްޓީއެލްގެ ޚިދުމަތް ދެމުން އަންނަ ކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. ބ. އަތޮޅުގައި ޚިދުމަތް ފެށުމާއެކު، ޒޯން 2 ގައި ހިމެނޭ ހުރިހާ އަތޮޅަކަށް އާރްޓީއެލް ޚިދުމަތް ފުޅާކުރެވިގެންދާނެއެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މިހާރު ކުރިއަށްދަނީ ޒޯން 2 ގައި ހިމެނޭ ހަތަރު އަތޮޅު ގުޅުވައިލުމުގެ މަސައްކަތެވެ. ބ. އަތޮޅުގައި ޚިދުމަތް ފެށުމާއެކު، މުޅި ރާއްޖޭގެ 11 އަތޮޅެއްގައި ފެރީގެ ޚިދުމަތް ކުރިއަށްދާނެއެވެ.
އާރްޓީއެލް ފެރީ ނިޒާމަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގެ މެދުގައި ހެޔޮ އަގުގައި އަރާމުދަތުރުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް، ތިން ފިޔަވައްސަކަށް ބަހާލައިގެން ހަ ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢު ތަންފީޒުކުރަމުން ގެންދަނީ އެމްޓީސީސީންނެވެ.

