މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން، މާލޭގެ ގްރީން ޒޯން ހިމެނޭހެން ބޮޑު ސަރަޙައްދަކުން އެއްގަމު އުޅަނދުތައް ނެގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންގައިފިއެވެ.
ފުލުހުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން، ވެހިކަލް ނެގުމަށް އަންގާފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ބޮޑުތަކުރުފާނު މަގުން ބޭންކް އޮފް މޯލްޑިވްސްއިން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް އަދި އަމީރު އަޙުމަދު މަގާއި، މެދުޒިޔާރަތް މަގާއި، ރައްޔިތުންގެ މަޖިލިސް ވަށައިގެންވާ މަގުތަކާއި، ޗާންދަނީ މަގާއި ލިލީ މަގުން ބައެއް ހިމެނެއެވެ.
ފުލުހުން އަންގާފައިވާ ގޮތުން، މި ސަރަޙައްދުތަކުގައި ޕާކުކޮށްފައިވާ އެންމެހާ އުޅަނދުތައް މާދަމާ ހަވީރު 6:00 ގެ ކުރިން ނަގަންޖެހޭނެއެވެ. އަދި އެ ވަގުތުގެ ފަހުން އެ ސަރަޙައްދުތަކުގައި ނުނަގާ ހުންނަ އުޅަނދުތައް އެހެން ސަރަޙައްދަކަށް ބަދަލުކުރެވޭނެ ކަމަށާއި، ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވ ކުރެވޭނެ ކަމަށް ފުލުހުން ވަނީ އިންޒާރު ދީފައެވެ.
މި މަސައްކަތާ ގުޅިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށާއި، މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ވަނީ ގިނަ ހަރަކާތްތަކެއް ރާވާފައެވެ. މީގެ ތެރޭގައި މަގުމަތީގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް ހިންގާ ގިނަ ހަރަކާތްތަކެއް ހިމެނޭ ކަމަށް ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

