ބެންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަތުމުގެ މުއާމަލާތް ހިންގަމުން ދަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކަަމަށް ބެންކު އޮފް މޯލްޑިވްސް އިން ބުނެފިއެވެ. މިކަމާ ގުޅިގެން ބޭންކަށް ވަނީ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައެވެ.
އެސްޑީއެފްސީގައި އޮތް ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކައިލުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެން، އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ބީއެމްއެލްއިން ހިންގަނީ ގަވާއިދާ ހިލާފަށް ކަމުގައި ބުނެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރާއި ބީއެމްއެލްއަށް ދަނީ އަމާޒު ކުރަމުންނެވެ. މި ތުހުމަތުތަކަށް ރައްދު ދިނުމުގެ ގޮތުން، ބީއެމްއެލް އިން ނެރުނު ކުރު ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައި އޮންނަ ސަރުކާރުގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް، ބޭންކް އޮފް މޯލްޑިވްސް އިން ސަރުކާރުގައި އެދުނު ކަމަށެވެ.
ބީއެމްއެލްގެ މި ހުށަހެޅުމަށް ރިއާޔަތްކޮށް އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ވިއްކައިލެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށް ބެންކުން ހާމަކުރިއެވެ. ބޭންކް އޮފް މޯލްޑިވްސް އިން ބުނީ އެސްޑީއެފްސީ ގަތުމުގެ މުޢާމަލާތްތައް ކުރިއަށް ގެންދާނީ ބޭންކިންގ ޤާނޫނާއި ޤަވައިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތީން އިޖުރާޢަތްތައް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ. އަދި ބޭންކުން މިހާރު މިވަނީ މި މަރުޙަލާތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ފަށާފަ އެވެ.
މި މުއާމަލާތާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް އިތުރު ސާފުކަމެއް ގެނެސްދިނުމުގެ ގޮތުން، މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ވެސް ވަނީ މިކަމުގައި ބީއެމްއެލް އަމަލުކުރަމުން ދަނީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ބުނެފަ އެވެ.

