ނ. ވެލިދޫގައި މޫދަށް ޖައްސާ މަތިންދާބޯޓު ނުވަތަ ސީޕްލޭން ޕްލެޓްފޯމެއް ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް އިޢުލާނުކުރެއްވީ ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރިޔާސީ އިންތިޚާބުގައި ވެލިދޫގެ ތަރައްޤީއަށް ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް މިހާރު ފެށިފައިވާކަން ފާހަގަކުރައްވައި، އޮޑިދޯނިފަހަރު އެހެލުމާއި ފައިބަރު މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ތިން ސަރަހައްދެއްގައި ޤާއިމްކުރަން ރޭވިފައިވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކުގެ ތެރެއިން އެއް ސެންޓަރު ވެލިދޫގައި ޤާއިމްކުރެވޭނެކަމަށާއި، ފުލުހުންގެ ފެންވަރު ރަނގަޅު މަރުކަޒެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ފެށިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުތަކަކީ އަމާން ވެއްޓެއް ޤާއިމްކުރުމަށް މަގުފަހިވެގެންދާނެ މަޝްރޫޢުތަކެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސިއްޙީ ދާއިރާގެ ތަރައްޤީއަށް ބަލާއިރު، ވެލިދޫގައި ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށާއި، އޭގެ ކުރިން މިހާރުގެ ސިއްޙީ މަރުކަޒަށް އިތުރު ޚިދުމަތްތައް ތަޢާރަފްކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރަށުގެ މަގުތައް ތާރުއަޅައި ނިންމުމާއި، ބަނދަރުގެ މައްސަލަތައް ހައްލުކުރުމަށް އިސްކަންދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ބަނދަރުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށޭނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ.
މީގެއިތުރުން، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމާއި، ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމުގެ ދެ މަޝްރޫޢެއް މި އަހަރުގެ ސެޕްޓެމްބަރު މަހު ސޮއިކޮށް، ނޮވެމްބަރު މަހު އަމަލީ މަސައްކަތް ފެށޭނެކަމަށްވެސް ރައީސް އިޢުލާނުކުރެއްވިއެވެ.

