އއ. މާޅޮހުގައި ރަހުމުކުޑަ ގޮތަކަށް މަރާލި، އެ ރަށު އޯކިޑުމާގެ، އަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށްފަހު ރޭ ރާއްޖެ ގެނެސް މޯޗަރީއަށް ލައިފިއެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަޙްމާން މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން އައި މާޅޮހު އޯކިޑުމާގޭގައި، ނިދާފައި އޮއްވައެވެ. ފުލުހުންގެ މައުލޫމާތުގައިވާ ގޮތުން، ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަހަމްތަކެއް ދީފައިވާ ކަމުގެ މައުލޫމާތު ލިބުނީ އެ ރޭ ދަންވަރު 01:50 ހާއިރުއެވެ. އަދި އަބްދުއްރަޙްމާނު މަރުވެފައިވަނީ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައެވެ.
ހާދިސާ ހިނގިއިރު އަބްދުއްރަޙްމާނުގެ އަނބިމީހާ ނާޒިމާ އިބްރާހީމް ވެސް ގޭގައި ނިދާފައި އޮތް ނަމަވެސް، އޮތީ އެހެން ކޮޓަރިއެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނާޒިމާއަށް ހޭލެވުނީ މީހަކު ދުވެފައިދާ އަޑަށެވެ. އަދި ހާދިސާ ހިނގިއިރު އެ ދެމަފިރިންގެ ތިން ދަރިން ވެސް ތިބީ ރަށުން ބޭރުގައެވެ.
އާއިލާއިން ދޭ މައުލޫމާތުގައި، އަބްދުއްރަޙްމާނަކީ އެއްވެސް މީހަކާ މައްސަލައެއް އޮތް، ނުވަތަ ރުޅިވެރިކަމެއް އޮންނަ މީހެއް ނޫން ކަމަށް ބުނެއެވެ. އެހެންކަމުން މިފަދަ ރަހުމުކުޑަ އަމަލެއް ހިންގާފާނެ ކަމަށް ޝައްކު ކުރެވޭ ވަކި މީހަކު ނެތް ކަމަށް އާއިލާއިން ފާހަގަކުރެއެވެ.
“އަބްދުއްރަޙްމާނަކީ އާދައިގެ ދިރިއުޅުމެއް އުޅެމުން އައި، އެއްވެސް މީހަކާ ޒާތީ ހަސަދައެއް އޮންނާނެ ފަދަ މީހެއް ނޫން،” މާޅޮހު ރައްޔިތުން މި މައްސަލައާ ގުޅޭގޮތުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

