49 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ރަޝިއާ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ.
އަންތޯނޮފް އޭއެން-24 މަރުކާގެ މި މަތިންދާބޯޓު ވެއްޓުނު ހާދިސާގައި ބޯޓުގައި ތިބި އެންމެން މަރުވެފައިވާ ކަމަށް ބެލެވޭ ނަމަވެސް، ރަސްމީ އެއްވެސް އިދާރާއަކުން މި ކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ރަޝިޔާގެ މިނިސްޓްރީ އޮފް އިމަޖެންސީ ސިޗުއޭޝަންސް އިން ޓެލެގްރާމްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ 50 އަހަރުވެފައިވާ މި މަތިންދާބޯޓު ޚަބަރޯވްސްކް އިން ބްލަގޮވޭޝްޗެންސްކް އަދި ޓިންޑާ އަށް ދަތުރުކުރަމުން ދަނިކޮށް ރާޑަރުން ގެއްލިގެން ދިޔަ ކަމަށެވެ. އަދި ބޯޓު ހޯދުމަށްޓަކައި ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގެ ތެރޭގައި ރޮސާވިއާސިއާއަށް ނިސްބަތްވާ މީ-8 ހެލިކޮޕްޓަރަކުން ވެއްޓުނު މަތިންދާބޯޓުގެ ފިއުޒެޖް ފެނިފައިވާއިރު، އެ މަތިންދާބޯޓުގައި އޮތީ އަލިފާން ރޯވެފައި ކަމަށް،” މިނިސްޓްރީން ބުނެފައިވެ އެވެ. މަތިންދާބޯޓު ވެއްޓިފައި ވަނީ ތީންދާއާ 15 ކިލޯމީޓަރު ދުރުގައި އޮތް ޖަންގަލިބޯ ސަރަޙައްދަކަށެވެ.
އަމޫރް ސަރަޙައްދުގެ ގަވަރުނަރު ވަސީލީ އަރްލޯފް ވިދާޅުވި ގޮތުގައި، ވެއްޓުނު މަތިންދާބޯޓުގައި 43 ފަސިންޖަރުން ތިބި ކަމަށާއި، އޭގެ ތެރޭގައި 4 ކުޑަކުދިންނާއި 6 ފަޅުވެރިން ހިމެނެއެވެ.
މި ހިތާމަވެރި ހާދިސާއަކީ ޖުލައި 2021 ގައި ޕެޓްރޯޕަވްލޮވްސްކް-ކަމްޗަޓްސްކީ އެއާ އެންޓޮނޮވް އެން‐26 ބޯޓެއް ޕަލާނާ ކައިރީގައި ވެއްޓި އެ ބޯޓުގައި ތިބި 28 މީހުންގެ ފުރާނަ ގެއްލިގެން ދިޔަ ފަހުން ރަޝިޔާގައި މިގޮތަށް ހިނގި ފުރަތަމަ ކޮމާޝަލް އޭވިއޭޝަން އެކްސިޑެންޓެވެ.
މި ބޯޓު ވެއްޓުނު ސަބަބުގެ ތަހުގީގު ކަމާބެހޭ ފަރާތްތަކުން ފަށާފައިވާއިރު، އެ ބޯޓުގެ ކަޅުފޮށި ރިކަވަރ ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

