އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އެރަށު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމްގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ބާއްވައިފިއެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަހުމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެއަށް ގެނެވިފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާގެ ޓްރިވެންޑްރަމްއަށް ފޮނުވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
އަބްދުއްރަހުމާން ނިޔާވެފައި އޮއްވާ އެންމެ ފުރަތަމަ ފެނިފައިވަނީ އޭނާގެ އަނބިމީހާ ނާޒިމާއަށެވެ. އޭނާ ފެނުނު އިރު ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް ވެއެވެ.
މި މައްސަލައިގެ ތަހުގީގަށް މާލެއިން މާޅޮހަށް ގޮސްފައިވާ ފުލުހުންގެ ޓީމުން ވަނީ ބައެއް މީހުންނާ ސުވާލުކޮށް، އިނގިލީގެ ނިޝާންތަކާއި ހަށިގަނޑުގެ އެހެނިހެން ސުންކުތައް ނަގާފައެވެ. ރަށުގައި ޕޮލިސް ސްޓޭޝަނެއް ނެތުމުން މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލް އިދާރާގައެވެ. އަދި ފުލުހުން ވަނީ ގޭގެއަށް ޒިޔާރަތްކޮށް ތަހުގީގަށް ބޭނުންވާ އިތުރު މައުލޫމާތު ހޯދާފައެވެ.
މި މައްސަލައާ ގުޅިގެން އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓި ނަމަވެސް، ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ފޯނު މިހާރު ވަނީ އޭނާއާ އަނބުރާ ހަވާލުކޮށްފައެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން އަދި އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

