މާލޭގެ ނޯތު ހާބަރ ސަރަހައްދު ހިންގުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ހަވާލުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއާއި އެމްޕީއެލްއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން މި ބަދަލު ގެނެވިފައިވާއިރު، މި އެއްބަސްވުމުގެ ދަށުން މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން، މާލޭގެ އުތުރު ފަރާތު ބަނދަރު، އެމްޕީއެލް ސަރަހައްދުން ފެށިގެން މަސްމާރުކޭޓު ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާއި ހަމައަށް ހިންގުން އެމްޕީއެލް އާއި ހަވާލުކޮށްފައިވާ ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.
މި ބަދަލާއެކު އޮގަސްޓް މަހުގެ 1 ފެށިގެން މާލޭ ނޯތު ހާބަރުން ހިދުމަތް ފޯރުކޮށްދޭނީ ހާބަރުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރަށް ކަމަށާއި މާލެ ނޯތު ހާބަރުގެ ހިދުމަތް ހޯދުމަށް ބޭނުންވާ އުޅަނދުފަހަރުތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީ ނުކުރެވި ހުރި އުޅަނދުތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށްވެސް އެމްޕީއެލްއިން ވިދާޅުވިއެވެ. އެގޮތުން، އުޅަނދު ފަހަރު ރަޖިސްޓްރީކުރެވޭނީ ހާބާ ސޮފްޓްވެއާގެ ޕޯޓަލް މެދުވެރިކޮށެވެ.
އެމްޕީއެލްއިން ވިދާޅުވީ މާލޭ ނޯތު ހާބަރުގެ ކީވޯލްއިން ކުރިން 32 އުޅަނދަށް ޖާގަ ދެވުނު ނަމަވެސް މިހާރު މިއައި ބަދަލާއެކު މުދަލާއި ޕަސެންޖަރުން އުފުލުމަށް 54 އުޅަނދަކަށް ހާބަރުން ޖާގަ ލިބިގެންދާނެއެވެ.
ހަމައެއާއެކު، މަސް ދޯނި ފަހަރަށް ހާއްސަކުރެވިފައިވާ 20 ޖާގަ ހާބަރުގައި ހިމެނިފައިވާއިރު، ނޯތު ހާބަރުގެ ކީ ވޯލްއިން މިހާރު އެއްފަހަރާ 74 އުޅަނދަކަށް ޖާގަ ދެވޭނެ ކަމަށާއި 25 އުޅަނދު ވެއިޓިން ގައި މަޑުކުރުމަށް ފުރުސަތު ލިބެގެންދާނެ ކަމަށްވެސް އެމްޕީއެލް އިން ވަނީ ހާމަކޮށްފައެވެ.
ހާބަރަށް ފެނާއި ކަރަންޓްގެ ހިދުމަތް ފުޅާކޮށް މުޅި ބަނދަރުގެ ސަރަހައްދަށް ފެނާއި ކަރަންޓްގެ ހިދުމަތް ދިނުމަށް މިހާރު މިވަނީ މަސައްކަތްފަށާފައި ކަމަށް އެމްޕީއެލްއިން ވިދާޅުވެފައިވާއިރު، ތެލުގެ ހިދުމަތްވެސް އަވަސް މުސްތަގްބަލެއްގައި ދިނުމަށް ނިންމާފައިވާ ކަމަށްވެސް އެމްޕީއެލް އިން ވަނީ ހާމަކޮށްފައެވެ.

