2025 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ދަރިވަރުންގެ ޗުއްޓީ ފެށިއްޖެއެވެ. މި ޗުއްޓީއަކީ ދެ ހަފްތާގެ މުއްދަތަށް ދެވޭ ޗުއްޓީއެކެވެ.
ތަޢުލީމީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ދިރާސީ އަހަރު ރާއްޖޭގެ ސްކޫލުތަކުގައި 90,000 އެއްހާ ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުންދެއެވެ. އަދި މި ދަރިވަރުންނަށް ކިޔަވައިދެއްވުމަށްޓަކައި 11,000 އެއްހާ މުދައްރިސުން ސްކޫލުތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވައެވެ.
ތަޢުލީމީ ވުޒާރާއިން އާންމުކޮށްފައިވާ އެކެޑަމިކް ކަލަންޑަރާ އެއްގޮތްވާ ގޮތުގެ މަތިން، މި ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ.
އެކެޑަމިކް ކަލަންޑަރުގައިވާ ގޮތުން ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ. އޭގެ ފަހުން ލިބޭ ޗުއްޓީއަށްފަހު، 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހުއެވެ.
މި އަހަރުގެ ދިރާސީ އަހަރުގައި ވެސް ކުރީ އަހަރުތަކެކޭ އެއްފަދައިން ދަރިވަރުންނަށް އެކަށީގެންވާ ތަޢުލީމެއް ފޯރުކޮށްދިނުމަށް ސްކޫލުތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

