ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިންތިޒާމުކުރާ މަގުމަތީ ހިނގާލުން މި އަހަރު މާލެ އާއި ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި މާލޭގައި ބާއްވާ މަގުމަތީ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ވަނަ ދުވަހުގެ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވޭ މާޗް ޕާސްޓާއި ކުޅިވަރު ހަރަކާތްތަކާ އެކުގައެވެ. އަދި ހުޅުމާލޭގައި ބާއްވާ މަގުމަތީ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 27 ވަނަ ދުވަހުގެ ހަވީރު 16:15 ގައެވެ.
މި އަހަރުގެ މަގުމަތީ ހިނގާލުމުގައި މިލިޓަރީ ބޭންޑާއެކު ފަސް ގެމައެއް ހިމެނޭނެ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ. މި ހިނގާލުމުގެ މެހިތަރަކަށް ހުންނަވާނީ އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލް، ކާނަލް ޙުސައިން ޢަލީއެވެ.
މާލޭގައި ބާއްވާ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ވެލާނާގޭ ކަންމަތިންނެވެ. މި ހިނގާލުމުގައި ލަޝްކަރު ފަސް ސަރަހައްދެއްގައި ހުއްޓި، މިލިޓަރީ ބޭންޑުން ރާގު ކުޅޭނެއެވެ. އެއީ ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ޖަންކްޝަން، މިލިއަން ބުކްޝޮޕް ކައިރި އަދި ކަޅުތުއްކަލާކޮށީ ހުޅަނގުއުތުރު ކަންމައްޗެވެ.
ހުޅުމާލޭގައި ބާއްވާ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރިންނެވެ. މި ހިނގާލުމުގައި ދެ ސަރަހައްދެއްގައި ލަޝްކަރު ހުއްޓި، މިލިޓަރީ ބޭންޑުން ރާގު ކުޅޭނެއެވެ. އެއީ ސެންޓްރަލް ޕާކް އިރުމަތި އެންޓްރަންސްއާއި ސިފްކޯ/ޕޮލްކޯ ފުލެޓްތަކުގެ ހުޅަނގު ފަރާތެވެ. މި އަހަރުގެ ހިނގާލުމުގައި ސިފައިންގެ އިތުރުން ސްކޫލުތަކުގެ ކެޑޭޓުން ވެސް ބައިވެރިވާނެއެވެ.

