މާލޭގައި ކާނިވަލެއް ތަރައްގީކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ. މި އިއުލާނުގައިވާ ގޮތުން، މާލޭ ބީޗް ވޮލީ ކުޅޭ ސަރަހައްދުގެ ފަހަތުގައިވާ ހުސް ބިމުގައި ކާނިވާއެއް ތަރައްގީކޮށް، ސެލްފް ފައިނޭންސް އުސޫލުން ދިގުމުއްދަތަކަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި މަޝްރޫއުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ އޮގަސްޓް މަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި މާލެ ސިޓީ ކައުންސިލް އިދާރާގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 9:00 ގައެވެ.
މާލެ ސިޓީ ކައުންސިލުން ދެއްވި މައުލޫމާތުގައިވާ ގޮތުން، މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި މަޝްރޫއާ ގުޅޭ އެންމެހާ މައުލޫމާތު ހިއްސާކުރެވޭނެއެވެ. ނަމަވެސް، މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ގަޑިޖެހުމަށްފަހު ހާޒިރުވާ ފަރާތްތަކަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހުމަށްފަހު ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށް ވަނީ އަންގަވާފައެވެ.
މި މަޝްރޫއަކީ މާލޭގެ މުނިފޫހިފިލުވުމުގެ ވަސީލަތްތައް އިތުރުކޮށް، ރައްޔިތުންނަށް އާ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަޝްރޫއެވެ. މި ކާނިވަލް ތަރައްގީކުރުމުން މާލޭގެ ކުޑަކުދިންނާއި ޒުވާނުންނަށް އިތުރު މުނިފޫހިފިލުވުމުގެ ފުރުސަތުތަކެއް ލިބިގެންދާނެއެވެ.

