މިނިވަން ދުވަހާ ގުޅިގެން ލިބޭ ބަންދު ދުވަސްތަކުގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ދޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ. އެގޮތުން އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
އިމިގްރޭޝަނުން ދެއްވި މައުލޫމާތުގައިވާ ގޮތުން، އުމުރުން 65 އަހަރުން މަތީގެ މީހުންނާއި އިމަޖެންސީ ހާލަތްތަކުގައި އެ އޮފީހަށް ހާޒިރުވެގެން ވެސް ޕާސްޕޯޓަށް ހުށަހެޅޭނެއެވެ. މިގޮތުން އަންނަ ހޮނިހިރު ދުވަހު އެ އޮފީހަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅުމުގެ ފުރުސަތު ހެނދުނު 9:00 އިން މެންދުރު 12:00 އަށް ހުޅުވާލާފައިވެއެވެ. އަދި ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ވެސް އެ ދުވަހުގެ އެ ގަޑީގައެވެ.
އަންނަ އާދިއްތަ އަދި ހޯމަ ދުވަހު އިމިގްރޭޝަނަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅުމުގެ ވަގުތު ކަނޑައަޅާފައިވަނީ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށެވެ. އަދި ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުން ވެސް ކުރިއަށް ގެންދާނީ އެ ގަޑީގައެވެ.
އިމިގްރޭޝަނުން އިތުރަށް ފާހަގަކޮށްފައިވަނީ މެޑިކަލް އެމަޖެންސީއެއްގައި 9555333 ނަންބަރަށް ގުޅުމަށެވެ. އަދި ބަންދު ދުވަސްތަކުގައި ޕާސްޕޯޓުގެ ޚިދުމަތް ދޭނީ ހަމައެކަނި މާލެ ސަރަހައްދުގައި ހިމެނޭ ޕާސްޕޯޓު އޮފީސްތަކުން ކަމަށް ވެސް އެ އޮފީހުން ހާމަކޮށްފައިވެއެވެ.

