ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން އިގުތިސާދަށް ޑޮލަރު ނުކުންނަ މިންވަރު އިތުރުކުރުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިޒާވްގައި ބޭންކުތަކުން ޑޮލަރުން ބަހައްޓަންޖެހޭ ފައިސާގެ އަދަދު މިއަދު ދަށްކޮށްފިއެވެ.
އެމްއެމްއޭއިން މިއަދު ނިންމި ނިންމުމުގައިވާ ގޮތުން، ޑޮލަރު މިނިމަމް ރިޒާވް ރިކުއަރމަންޓް (އެމްއާރްއާރް) ކުރިން ހުރި 7.5 އިންސައްތައިން 5.0 އިންސައްތައަށް ދަށްކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ދިވެހި ރުފިޔާގެ އެމްއާރްއާރް ކުރިން ހުރި 10 އިންސައްތައިގައި ދެމެހެއްޓުމަށް ވަނީ ނިންމާފައެވެ.
މި ބަދަލާ ގުޅިގެން ބޭންކުތަކަށް ޑޮލަރުން ލޯނު ދޫކުރެވޭ މިންވަރު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ. އަދި މި ނިންމުމަށް އަމަލުކުރަން ފަށާ ވަގުތުން ފެށިގެން ލޯނު ދޫކުރުމަށް ބޭންކުތަކަށް 45 މިލިއަން ޑޮލަރު ލިބޭނެ ކަމަށްވެސް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
އެމްއާރްއާރްއަކީ މަރުކަޒީ ބޭންކުގައި ވިޔަފާރި ބޭންކުތަކުގެ ޖުމްލަ ޑިޕޮސިޓުން ބަހައްޓަން ލާޒިމުކުރާ ވަކި މިންވަރެކެވެ. މިގޮތަށް ވަކި މިންވަރެއް ބެހެއްޓުން ލާޒިމުކުރަނީ އިގުތިސާދުގައި ފައިސާ ދައުރުވާ މިންވަރު ހިފެހެއްޓުމަށާއި ކޮންޓްރޯލުކުރުމަށެވެ.
މަރުކަޒީ ބޭންކުން ފާހަގަކުރި ގޮތުގައި މި ބަދަލުގެ ސަބަބުން އިގުތިސާދުގައި ބޭރު ފައިސާ ދައުރުކުރާ މިންވަރު އިތުރުވެ، އިގުތިސާދީ ހަރަކާތްތައް ކުރިއެރުވުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

