ބަގުރާ ނުވަތަ މަސްތުވާތަކެތި ބޭނުން ކޮށްފި މީހާގެ މައްޗަށް ޢުޤޫބާތުގެ ގޮތުގައި 40 ދުވަސް ވަންދެން އޭނާގެ ނަމާދު ޤަބޫލުވޮޑި ނުގަންނަވާނެ ކަމުގައި އޮތް ޙަދީޘްފުޅުގެ މައްޗަށް ބުނަމެވެ.
މާތް ނަބިއްޔާ ﷺ ގެ އަރިހުން ބަޔާންވެގެންވާ ޞައްޙަ ޙަދީޘްފުޅުގައިވެ އެވެ.
ޞަޙާބީ ابن عباس رضي الله عنه އަރިހުން ރިވާވެގެންވެ އެވެ. ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރެއްވި އެވެ.
“ކޮންމެ މަސްތުވާ އެއްޗަކީ ބަގުރަލެވެ. އަދި ކޮންމެ މަސްތުވާ އެއްޗަކީ ޙަރާމް އެއްޗެކެވެ. އަދި ބަގުރާ (މަސްތުވާ އެއްޗެއް) ބޮއެފި މީހާ، އޭނާގެ ނަމާދު 40 ދުވަސްވަންދެން ޤަބޫލުވޮޑި ނުގަންނަވާނެ އެވެ. ފަހެ، އޭނާ ތަޥްބާވެއްޖެހިނދު، ﷲ އޭނާއަށް (ތަޥްބާ) ލައްވަތެވެ.”
އަދި އޭނާ ހަތަރުވަނަ ފަހަރަށް ބޮއެފިހިނދު، ޠީނަތުލް-ޚަބާލްއިން އޭނާއަށް ބޯންދެއްވުމަކީ ﷲގެ މައްޗަށްވާ ޙައްޤެއް ކަމުގައިވެ އެވެ. އެހިނދު ދެންނެވުމެވެ. ޠީނަތުލް-ޚަބާލްއަކީ ކޯންޗެއްތޯ އެވެ؟
ޙަދީޘް ކުރެއްވި އެވެ. އެއީ ނަރަކައިގެ އަހުލުވެރިންގެ ފާދިޔަ އެވެ.“ صحيح أبي داود 3680
މި ނޫން އެހެން ޞަޙާބީންގެ ކިބައިންވެސް މިފަދައިން ޙަދީޘް ވާރިދުވެގެންވެ އެވެ.
ޙަދީޘްގައި ބަޔާންވެގެންވަނީ ބަގުރަލާއި މަސްތުވާ ތަކެތީގެ ޙުކުމާއި އަދި އެފަދަ އެއްޗެއް ބޮއެފި މީހާގެ މައްޗަށްއޮތް ޢުޤޫބާތެވެ.
ނަމާދު ޤަބޫލު ނުވެވުމުގެ މާނައަކީ ނަމާދު ޞައްޙަ ނުވާނެ ވާހަކައެއް ނޫނެވެ. ނުވަތަ ނަމާދު ދޫކޮށްލާށޭވެސް ނޫނެވެ. އެހެނަސް މާނައަކީ އެ ނަމާދަށް އެއްވެސް ޘަވާބެއް ނުލިބޭނެ އެވެ.
ނަމާދު ކުރުމުން އޭނާއަށް ލިބޭ ފައިދާއަކީ، އޭނާ އަދާކުރަން ޖެހިފައިވާ ޛިންމާ އަދާ ކުރުމެވެ.
ވުމުން ބަގުރާ ބުއިމުން ނުވަތަ މަސްތުވާއެއްޗެއް ބޭނުން ކުރުމުން، އެކަމަށް އޮތް އެއް ޢުޤޫބާތަކީ އޭނާގެ 40 ދުވަހުގެ ނަމާދު ޤަބޫލުވޮޑިގެން ނުވުމެވެ. މިއީ އޭނާގެ މައްޗަށް ކަނޑައެޅުނު ޢުޤޫބާތެކެވެ.
އެބަހީ، އެ ބުއި ބަގުރާ ނުވަތަ ބޭނުން ކުރި މަސްތުވާތަކެތީގެ މައްޗަށް އޭނާއަށް ލިބިފައިވާ ފާފަވެރި ކަމުގެ މިންގަޑަކީ 40 ދުވަހުގެ ނަމާދު ކަމުގައިވާ 200 ނަމާދުގެ ޘަވާބު އޭނާގެ މައްޗަށް ގެއްލިގެން ދިއުމެވެ.
سبحان الله ! އޭނާ އަރައިގަނެފައިވާ ފާފައިގެ، ޖަރީމާގެ މިންގަނޑަކީ 40 ދުވަހުގެ ނަމާދުން ލިބޭ ޘަވާބު އޭނާގެ މައްޗަށް ގެއްލިގެން ދިއުމެވެ.
الحافظ النووي -رحمه الله- ވިދާޅުވެފައިވެ އެވެ. ”އޭނާގެ ފަރާތުން ނަމާދު ޤަބޫލުވޮޑި ނުގެންނެވުމުގެ މާނައަކީ، އެ ނަމާދަށް ޘަވާބަށް އޭނާއަށް ނެތުމެވެ. އެހެނަސް އޭނާ އަދާކުރަން ޖެހިފައިވާ (ނަމާދުގެ ފަރުޟު، އޭނާ ނަމާދު ކުރުމުގެ ސަބަބުން) ވެއްޓިގެންދާނެ އެވެ. އަދި ދެވަނަ ފަހަރަށް އެ ނަމާދު އިޢާދަ ކުރުމެއްވެސް ނުވެ އެވެ.“
40 ދުވަހުގައިވެސް އަދި 41 ވަނަ ދުވަހުގައިވެސް 42 ވަނަ ދުވަހުގައިވެސް އޭނާ ނަމާދު ކުރަންޖެހޭނެ އެވެ. އެހެނަސް 40 ދުވަހުގެ ނަމާދު ކުރުމުން ލިބޭ ޘަވާބު އޭނާއަށް އެއްވެސް މިންވަރެއް ނެތުމެވެ، އެއީ އެފާފައިން އޭނާއަށް ލިބޭ ޢުޤޫބާތެވެ.
ބަގުރާ ބުއިމަކީ މުސްލިމަކު އެ ބަޤުރާ ބުއިމާ ގުޅިގެން ކާފަރުވާނެ ޢަމަލެއް ނޫނެވެ. އޭނާ ކާފަރެއް ނުވާނެ އެވެ. ވުމާއެކު، އެއީ މުސްލިމެއް ކަމުގައިވާނަމަ އިސްލާމް ކަމުގެ މަތީގައި ދެމިހުރުމަށްޓަކައި ނަމާދު ކުރަންޖެހެ އެވެ.
ބައެއް މީހުންނަށް ވިސްނިފައިވަނީ، އެހެން ވުމުން 40 ދުވަހުގެ ނަމާދު އޭނާއަށް ކުރުމެއް ނުވާކަމެވެ.
މިއީ ޙަދީޘްގެ މާނައެއް ނޫނެވެ. އަދި ޙަދީޘްއިން ދޭހަވާ މާނައެއްވެސްވެސް ނުމެ ނޫންމެވެ.
އޭނާގެ މައްޗަށް ނަމާދު ކުރުން ކަނޑައެޅިފައިވެ އެވެ. ނަމާދު އޭނާ ނުކުރުމަކީ، އޭނާ ބަގުރާ ބުއިމަށްވުރެންވެސް ނުބައިކަން ބޮޑުވެގެންވާ ޢަމަލެކެވެ. އަދި ކިޔެއްތަ! އެތައް ގިނަގުނަ ޢިލްމުވެރިންގެ އަރިހުގައި އޭނާ ނަމާދު ދޫކޮށްފިނަމަ އެއީ އިސްލާމް ދީނުން ބޭރުވެ، މުރުތައްދުވެފައިވާ ފާރަތެއް ކަމުގައި ކަނޑައެޅެވެ.
ވުމުން، ނަމާދު ކުރަންޖެހޭނެ އެވެ. އަދި ނަމާދު ކޮށްގެން ލިބޭ ޘަވާބު އެ ބަގުރާ ބުއިމުގެ ސަބަބުން ގެއްލިގެން ދެ އެވެ.
ދަންނަހުއްޓެވެ. މިއީ ބަގުރާ ބޮއެ ނުވަތަ މަސްތުވާތަކެތި ބޭނުންކޮށް އެއިން ތަޥްބާނުވާ މީހާގެ މައްޗަށް އޮތް ޙުކުމެވެ. އެހެނަސް ﷲއަށް ތަޥްބާވެ އެކަލާނގެއަށް ރުޖޫޢަވެ، އޭނާގެ ޢަމަލު އިޞްލާޙުކޮށް ހެޔޮމަގަށް އައިސްފި މީހާގެ ކިބައިން އެކަލާނގެ އެމީހެއްގެ ޢަމަލު ޤަބޫލުވޮޑިގަންނަވާނެ އެވެ.
(އަބޫއަނަސްއެމްވީ)

