އިސްތަށިގަނޑު ރީތިކޮށް ބެލެހެއްޓުމަކީ އަންހެންވެސް ފިރިހެންވެސް، ދެޖިންސުގެވެސް ގިނަ ބަޔަކު ސަމާލުކަން ދޭ ކަމެކެވެ، ނަމަވެސް، ގިނަ ބަޔަކު ސަމާލުކަން ދެނީ ހަމައެކަނި އިސްތަށިގަނޑުގައި ހާކާ ކްރީމްތަކާއި ދޮންނަން ގެންގުޅޭ ޝޭމްޕޫ ފަދަ ތަކެއްޗަށެވެ. އެހެންނަމަވެސް، އިސްތަށިގަނޑު ރީތިކޮށް ބެލެހެއްޓުމުގައި ބޮލުގައި އަޅާ ފުނަލުގެ ދައުރު ވަރަށް މުހިންމެވެ.
ފުނާ ސާފުކުރުމުގެ މުހިންމުކަން: ކިތަންމެ ރަނގަޅު. އަގުބޮޑު ބާވަތެއް ބޭނުންކުރިޔަސް، ފުނާ ސާފުނުކޮށް ގިނަ ދުވަސްވާން ދޫކޮށްލައިފިނަމަ، އޭގައި އުފެދޭ ބެކްޓީރިއާ އަދި ޔީސްޓްގެ ސަބަބުން އިސްތަށިގަނޑަށް ގެއްލުން ލިބެއެވެ. މީގެ ސަބަބުން ބޮލުގައި ހަންފޮޅުމާއި، ދުޅަވުމާއި، ހިރުމާއި އަދި އިސްތަށީގެ ބުޑު ބެދުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.
ފުނާ ސާފުކުރުމަށް އެންމެ ރަނގަޅު ގޮތަކީ:
- ފުރަތަމަ ފުނަލުގައި ހުންނަ އިސްތަށިތައް ނެގުން، ޝޭމްޕޫ ނުވަތަ ސައިބޯނި ފަދަ އެއްޗަކުން ސާފުކުރުން
- ދަތްއުނގުޅާ ބުރުހަކުން ފުނަލުގެ ދަތްތަކުގެ ދޭތެރެ ސާފުކޮށް ރަނގަޅަށް ދޮވެލުމަށްފަހު ފެންފޮޅައި ހިއްކާލާ
ފުނާ ސާފު ކުރަންވީ މުއްދަތު: 4-5 ފަހަރު ބޭނުންކުރުމަށްފަހު ފުނާ ސާފުކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. މަހަކު އެއްފަހަރު ސާފުކުރުމަކީ މާ ލަސް މުއްދަތެކެވެ. ޚާއްޞަކޮށް ތެޔޮ އަދި މޮއިސްޗަރައިޒިންގ ބާވަތްތައް ބޭނުންކުރާނަމަ، ފުނާ އަވަސް އަވަހަށް ސާފުކުރުން މުހިންމެވެ.
އިސްތަށިގަނޑަށް ގެއްލުން ނުލިބޭގޮތަށް ފުނާ ބޭނުންކުރުމަށްޓަކައި:
- ތުނި ދަތްތައް ހުންނަ ފުނައެއް ބޭނުންކުރުން
- އިސްތަށީގެ ކޮޅުން ފެށިގެން މައްޗަށް ފުނާ އެޅުން
- ގަދައަށް ދަމައި ފުނާ ނޭޅުން
- ތެތް އިސްތަށިގަނޑުގައި ފުނާ އަޅާނަމަ ޑީޓެންގްލިންގ ސްޕްރޭއެއް ބޭނުންކުރުން
ފުނާ ބަދަލުކުރަންވީ މުއްދަތު؛ ރަނގަޅު ފެންވަރުގެ ފުނައެއް ގިނަ ދުވަހު ބޭނުންކުރެވިދާނެ ނަމަވެސް، 6-12 މަހުން ފުނާ ބަދަލުކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. ޚާއްޞަކޮށް ފުނައިގެ ދަތްތައް ބަނޑިވެފައި ނުވަތަ ބިނދިފައިވާނަމަ، ވަގުތުން ބަދަލުކުރަންޖެހެއެވެ. އެހެނީ މިފަދަ ފުނައަކުން އިސްތަށި ބުރިވުމަށް މަގުފަހިވެއެވެ.
އިސްތަށިގަނޑު ރީތިކޮށް ބެލެހެއްޓުމަށް ހަމައެކަނި ބޮލުގައި ލާ ޕްރޮޑަކްޓްތަކަށް ބަރޯސާވުމުގެ ބަދަލުގައި، ފުނައިގެ ސާފުތާހިރުކަމަށާއި ރަނގަޅު ފެންވަރުގެ ފުނައެއް ބޭނުންކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

