ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަ ހަފުލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ބޮޑުވަޒީރު މޯދީގެ މި ދަތުރަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު މަތީ ފަންތީގެ މަޝްވަރާތައް އޮންނާނެއެވެ. އޭގެތެރޭގައި އިންޑިއާގެ އެހީގައި ތަރައްގީކުރި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިމޭނޭހެން މުހިންމު މަޝްރޫއުތައް އިފްތިތާހު ކުރައްވާނެއެވެ. އަދި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އެކި ދާއިރާތަކުން އެމްއޯޔޫތަކުގައި ސޮއިކުރެއްވުމުގެ އިތުރުން ރާއްޖެއަށް އިތުރު އެހީއެއް ދިނުމުގެ އެއްބަސްވުންތައް ހިމެނޭނެ ކަމަށް ބެލެވެއެވެ.
ބޮޑުވަޒީރު މޯދީގެ މި ޒިޔާރަތުގައި ރައީސްގެ އިތުރުން ކުރީގެ ރައީސުން ކަމުގައިވާ އިބްރާހިމް މުހައްމަދު ސޯލިހް އާއި މުހައްމަދު ނަޝީދާ ވެސް ވަކިވަކިން ބައްދަލުކުރައްވާނެ ކަމަށް އެނގިފައިވެއެވެ.
މި ބައްދަލުވުންތަކުގައި ދެ ގައުމުގެ ދެމެދުގައި ހިންގަމުންދާ މުހިންމު މަޝްރޫއުތަކާއި ކުރިމަގުގެ ގުޅުންތައް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެއެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގައި ރާއްޖެ ޒިޔާރަތްކުރައްވާ ފުރަތަމަ ބޭރު ގައުމެއްގެ ވެރިޔަކީ މޯދީއެވެ. އަދި މިއީ އޭނާ ދިވެހިރާއްޖެއަށް ކުރައްވާ ތިންވަނަ ދަތުރެވެ. މީގެ ކުރިން 2018 އާއި 2019 ވަނަ އަހަރު މޯދީ ވަނީ ރާއްޖެ ވަޑައިގެންފައެވެ.

