ސްރީލަންކާގެ ރައީސް އަނުރަ ކުމަރަ ޑިސަނަޔަކަ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން ބުނީ ރައީސް އަނުރާގެ ދަތުރުފުޅުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެކު ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރަސްމީ މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހިނގަމުންދާ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހަށެވެ. ޑިސަނަޔަކަ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރަސްމީ ދައުވަތުފުޅަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑިސަނަޔަކެ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ރާއްޖެއަށް މިނިވަންކަން ލިބުމާއެކު ލަންކާއިން ރާއްޖެ ބަލައިގަނެ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިއެވެ. އަދި މި އަހަރު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭއިރު ލަންކާއާއި ރާއްޖޭގެ މެދުގައި ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރޭނެއެވެ.

