ބުއްދި ރައްކާތެރިކުރުމަކީ އިސްލާމްދީނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރެއިން އެއް މަޤްޞަދު ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ހާމަކޮށްފިއެވެ.
“ބުއްދި ޙިމާޔަތްކުރުން” މި މައުޟޫޢުއަށް ދިނއ ޚުޠުބާގައި އިންސާނާގެ ބުއްދި ރައްކާތެރިކުރުމުގެ މުހިންމުކަމާއި އޭގެ މުރާދު ތަފްޞީލުކޮށް ބަޔާންކޮށްދިނެވެ.
ޚުޠުބާގައި ބުނި ގޮތުގައި ބުއްދި ރައްކާތެރިކުރުމުގެ މުރާދަކީ އިންސާނާގެ ބުއްދިއަށް ގެއްލުންވެދާނެ އެންމެހައި ކަންކަމުން ދުރުހެލިވެ، އިންސާނާ ރައްކާތެރިކުރުމެވެ. އަދި އިންސާނާ ބޭނުންކުރާ ކާއެއްޗެއްސާއި، ބޯތަކެއްޗާއި، ކުރާ ޢަމަލުތަކާއި އަދި ވިސްނުންތަކުން ވިޔަސް ބުއްދިއަށް ނުރަނގަޅު އަސަރެއް ކުރާނަމަ، އެއީ އިސްލާމްދީނުގައި ނަހީކުރެވިގެންވާ ކަމެއް ކަމުގައި ވަނީ ފާހަގަކޮށްފައެވެ
ޚުޠުބާގައި އިތުރަށް ބުނި ގޮތުގައި މާތްﷲ އިންސާނާ އެހެން މަޚުލޫޤުތަކުގެ މައްޗަށް މާތްކުރެއްވީ އޭނާއަށް ދެއްވި ވިސްނުމާއި ބުއްދީގެ ބާރުންނެވެ. މިކަން ކީރިތި ޤުރުއާނުގައި “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެންމެ ރިވެތި ސޫރައިގައި އިންސާނާ ހެއްދެވީމެވެ” މިފަދައިން ބަޔާންކުރައްވާފައިވާކަން ފާހަގަކުރިއެވެ.
މިޒަމާނުގައި އޮންލައިންކޮށް ޖުވާކުޅުމާއި ގޮތް ނޭނގޭ އިސްކީމުތަކުގައި ބައިވެރިވުމަކީ މާތްﷲ ދެއްވާފައިވާ ހަމަބުއްދިން ވިސްނައި ފިކުރުކުރުމަށް ހުރަސްއެޅި، ޝައިޠާނާގެ ދަންތުރައިގައި ޖެހިދާނެ ކަމެއްގެ ގޮތުގައި ފާހަގަ ކުރަމުން، މިފަދަ ކަންކަމުން ދުރުހެލިވުމަށް ހުތުބާ ގައި ވަނީ އިރުޝާދު ދީފައެވެ.
އަދި ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގައިވާ ގޮތުން “ތިން މީހެއްގެ މަތިން ގަލަން އުފުލިގެންވެއެވެ. އެއީ ނިދާފައި އޮތް މީހާ ހޭލެންދެން، ކުޑަކުއްޖާ ބާލިޣުވަންދެން، އަދި ބުއްދި ފިލައިގެންފައިވާ މީހާ ބުއްދި ހަމަޖެހެންދެނެވެ” ކަމަށް ޚުޠުބާގައި ވަނީ ފާހަގަކޮށްފަ އެވެ

