ޤައުމީ އެއަރލައިން، މޯލްޑިވިއަން އިން ޓިކެޓް ގަތުމުގެ ނިޒާމަށް މުހިންމު ބަދަލެއް ގެނައުމަށް ނިންމައިފިއެވެ.
މޯލްޑިވިއަން އިން ބުނީ އަންނަ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓިކެޓް ގަތުމުގައި އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ކޮޕީ އަޕްލޯޑް ކުރުމާއި ހުށަހެޅުން ލާޒިމެއް ނޫން ކަމަށެވެ.
މިއީ ދަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފަސޭހަކޮށް، އަދި ކަސްޓަމަރުންގެ ޕްރައިވަސީ އާއި ހަލުވިކަން އިތުރުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.
ޓިކެޓްގައި ދަތުރުވެރިޔާގެ ނަމުގައި ތަފާތެއް ހުރިނަމަ، އެކަން ރަނގަޅު ކުރުމަށް މޯލްޑިވިއަން ޓިކެޓިންގ އޮފީހާ ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް އަދި 24/7 ކޯލް ސެންޓަރ މެދުވެރިކޮށް ހިލޭ ރަނގަޅު ކުރެވޭނެއެވެ. ނަމަވެސް، ޗެކް-އިން، ސެކިއުރިޓީ އަދި މަތިންދާބޯޓަށް އެރުމުގައި ސައްހަ އައިޑީ ކާޑު، ޑްރައިވިންގ ލައިސަންސް ނުވަތަ ޕާސްޕޯޓް ގެންގުޅުން ލާޒިމުވާނެއެވެ. އަދި ބޭރު ދަތުރުތަކަށް ޕާސްޕޯޓް ބޭނުންވާނެކަމަށް ވެސް މޯލްޑިވިއަން އިން ބުނެފައިވެއެވެ.

