ތ. ވިލުފުށީގައި، ރައްޔިތުންނަށް އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެއްގެ ދަށުން ފެށުނު ޚިދުމަތެކެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ވިދާޅުވެފައިވާ ގޮތުގައި، ތ. ވިލުފުށީގައި އައިޑީ ކާޑުގެ ޚިދުމަތް ފެށުމާއެކު އެރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ ސަބަބުން އައިޑީ ކާޑުގެ ޚިދުމަތްތައް އަވަސްވެ، ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގެ ދަތިކަން ކުޑަވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް ޑީއެންއާރުން ފާހަގަކުރައްވައެވެ. ތ. އަތޮޅުން އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ދޭން ފެށި ދެވަނަ ރަށަކީ ވިލުފުށީ ކަމަށްވެސް ޑީއެންއާރުން ހާމަކުރައްވައެވެ.
ޑީއެންއާރުން ދެއްވާފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިހާރު ރާއްޖޭގެ 27 ރަށެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ދެމުންދެއެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުމެވެ.
އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީ ކާޑުގެ ޚިދުމަތް، މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ. މީގެ އިތުރުން ދިވެހީން އާންމުކޮށް ގޮސް އުޅޭ ބޭރުގެ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް މިހާރުވެސް ދަނީ ތައްޔާރުވަމުންނެވެ. ރާއްޖެއިން ބޭރުގައި އައިޑީ ކާޑުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.
އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ. ވިލިނގިލީގައެވެ. މާލެއިން އެކަނި ލިބޭ އައިޑީ ކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ.

