މި ހިނގާ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް، ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ޖުމްލަ 30.7 މިލިޔަން ރުފިޔާ ޒަކާތުގެ ބެހެނިވެރިންނަށް ހޭދަކޮށްފައިވާ ކަމަށް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ. މި ހޭދަތައް ކުރެވިފައިވަނީ ފަޤީރުންނާއި މިސްކީނުންނަށް، ހާލުގައިޖެހިފައިވާ ދަތުރުވެރިންނަށް، ފީސަބީލިﷲ ބަޔަށް އަދި ޢާމިލުންނަށް ޚާއްޞަކުރެވިފައިވާ ބައިތަކުންނެވެ.
ޒަކާތު ހައުސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ސީދާ އެހީގެ ގޮތުގައި ބޮލަކަށް 5000 ރުފިޔާގެ މަގުން 14.2 މިލިޔަން ރުފިޔާ ބަހާފައިވާއިރު، ޚާއްޞަ ޙާލަތްތައް މެދުވެރިވެގެން ޙާލުގައި ޖެހޭ ފަރާތްތަކަށް 78،377.97 ރުފިޔާގެ އެހީދެވިފައިވެއެވެ. މީގެ އިތުރުން، ފަޤީރުންނާއި މިސްކީނުންގެ ބައިން ފުދުންތެރިކަން ނެތް 594 މީހަކަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި ޖުމްލަ 8،509،141.06 ރުފިޔާ ހޭދަކޮށްފައިވެއެވެ. މި ހޭދައިގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކެންސަރު ބަލީގެ ފަރުވާއަށް އެދިފައިވާ ފަރާތްތަކަށް (2،398،178.99 ރުފިޔާ) ކަމަށްވާއިރު، ހިތުގެ ބަލިތަކަށް 262،905.74 ރުފިޔާ، ޓްރާންސްޕްލާންޓަށް 1،329،151.11 ރުފިޔާ، ސިކުނޑީގެ ބަލިތަކަށް 916،584.38 ރުފިޔާ، ފުއްޕާމޭގެ ބަލިތަކަށް 146،081.00 ރުފިޔާ، ކިޑްނީގެ ބަލިތަކަށް 318،902.50 ރުފިޔާ އަދި އެހެނިހެން ބަލިތަކަށް 4،188،096.43 ރުފިޔާ ހޭދަވެފައިވެއެވެ.
ޢާމިލުންގެ ބައިން އިދާރީ މުވައްޒަފުންގެ އުޖޫރައަށް 1.8 މިލިޔަން ރުފިޔާ ޚަރަދުވެފައިވާއިރު، ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2024 ގެ ޕެނަލިސްޓުންނަށް 4،775.86 ރުފިޔާ ހޭދަވެފައިވެއެވެ. އިބުނުސަބީލް ބައިން ނުވަތަ ދަތުރުމަތީގައި ޙާލުގައި ޖެހި، އެޙާލަތުން ސަލާމަތްވުމަށް 428،107.32 ރުފިޔާ ހޭދަކުރެވިފައިވާއިރު، ފީސަބީލިﷲ ބައިން ﷲ ގެ މަގުގައި ހޭދަކުރުމަށް، ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާނުގެ ޢިލްމު ފެތުރުމަށް 3،287،555.44 ރުފިޔާ، ޓްރެއިނިންގް ކޯސްތަކަށް 1،000 ރުފިޔާ، ފޮތް ތަރުޖަމާކުރުމަށް 578،460.00 ރުފިޔާ، ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް 1،716،545.26 ރުފިޔާ، އަދި މަތީ ތަޢުލީމު ކުރިއެރުވުމަށް 60،488.76 ރުފިޔާ ހޭދަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ދަނީ ދިރިއުޅުމުގެ ޟަރޫރީ ކަންކަމަށް އެހީވުމާއި، ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ނަޤުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި، ބޭސްފަރުވާއަށް ހޭދަކުރުންފަދަ ގިނަ ކަންކަމުގައި ދިވެހި ރައްޔިތުންނަށް ކޮންމެ މަހަކުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

