އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް އެކުވެރިކަން އިތުރަށް ކުރިއެރުވުމުގައި އިންޑިއާގެ ރައްޔިތުންނަކީ ވަރަށް މުހިންމު ދަޢުރެއް އަދާކުރާ ބައެއް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރު މޯދީ މިހެން ވިދާޅުވީ، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަތުމުން ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުން މަރުޙަބާ ކިޔާ މަންޒަރު ފެންނަ ފޮޓޯތަކާއެކު ކުރެއްވި ޕޯސްޓެއްގަ އެވެ. އެމަނިކުފާނު ވަނީ މި ދަތުރުގައި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާއި ބައްދަލުކުރެވުނީތީ އުފާވެއްޖެ ކަމަށް ވިދާޅުވެ ދެއްވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.
ދިވެހި ބަހުން ކުރެއްވި މި ޕޯސްޓްގައި މޯދީ ވިދާޅުވީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އެކުވެރިކަން އިތުރަށް ކުރިއެރުވުމުގައި އިންޑިއާގެ ރައްޔިތުންނަކީ ވަރަށް މުހިންމު ދަޢުރެއް އަދާކުރާ ބައެއް ކަމަށެވެ.
މި ޕޯސްޓްގެ ކުރިން ވެސް ބޮޑުވަޒީރު މޯދީ ވަނީ ދިވެހި ބަހުން ޕޯސްޓެއް ކުރައްވާފަ އެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ބޮޑުވަޒީރު މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވާ ފޮޓޯތަކާއެކު ކުރެއްވި އެ ޕޯސްޓްގައި އެމަނިކުފާނު ވިދާޅުވީ މާލެ ވަޑައިގެންނެވިއްޖެ ކަމަށެވެ.
އަދި މަރުޙަބާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާފުޅު ކުރައްވާ ކަމަަށް މޯދީ ފާހަގަކުރެއްވި އެވެ. “މާލެ އާދެވިއްޖެ. އަޅުގަނޑަށް މަރްޙަބާ ކިޔުމަށް ރައީސް މުޢިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރަން،” ރައީސް މުޢިއްޒަށް ޓެގް ކުރައްވާ މޯދީ ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.
އަދި، އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން ޔަޤީން ކުރައްވާ ކަމަށްވެސް ބޮޑުވަޒީރު މޯދީ ވަނީ ވިދާޅުވެފައެވެ.

