ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ ހުނަރު ތަރައްޤީކުރުމަށްޓަކައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އާ ދެމެދު، ހުނަރު ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ މިދިޔަ އަންގާރަ ދުވަހު، އެމްއެންއެސްޑީއޭގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިކަން މިއަދު މީޑިއާތަކަށް ހާމަކޮށްފައިވަނީ އެމްޕީއެލްއިންނެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ނެޝެނަލް އެޕްރެންޓިސް ޕްރޮގްރާމްތަކާއި ނެޝެނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓިފިކޭޝަން (އެންޓީޓީސީ) ހިންގުމުގައި އެމްޕީއެލް އާއި އެމްއެންއެސްޑީއޭ ގުޅިގެން މަސައްކަތްކުރުމެވެ. އެމްޕީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޗީފް ލާނިން އެންޑް ޑިވެލޮޕްމަންޓް އޮފިސަރު އައިޝަތު ޝިމްލާއެވެ. އަދި އެމްއެންއެސްޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސީއީއޯ ޒަހްރާ މުހައްމަދެވެ.
މި އެއްބަސްވުމުގެ ދަށުން، އެމްއެންއެސްޑީއޭގެ މައިގަނޑު ދައުރަކީ އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރު (ޕީޓީސީ) އިން ހިންގާ ނެޝެނަލް އެޕްރެންޓިސް ޕްރޮގްރާމްތަކާއި އެންޓީޓީސީ ޕްރޮގްރާމްތަކުގެ ކޮލިޓީ އެޝުއަރަންސް ކަށަވަރުކުރުމެވެ. މީގެ އިތުރުން، މި ޕްރޮގްރާމްތައް ހިންގުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް އެމްއެންއެސްޑީއޭގެ ޒިންމާއެކެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ ހުނަރު ތަރައްޤީކޮށް، މެރިޓައިމް ދާއިރާއަށް ޒުވާނުން ޝައުޤުވެރިކުރުމެވެ. އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރުން ކޮންމެ އަހަރަކުވެސް މުވައްޒަފުންނަށް ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގައެވެ. މީގެ އިތުރުން، ޒުވާނުންނަށް އިންޓާންޝިޕް އަދި އެޕްރެންޓިސް ޕްރޮގްރާމްތައްވެސް ކުރިއަށްގެންދެއެވެ.
މި އެއްބަސްވުމަކީ މި މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ގައުމީ ފެންވަރުގެ ހުނަރުވެރި ބަޔަކު ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

