އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ރާއްޖޭގެ ދަތުރުފުޅުގައި، އިންޑިއާއާއި ރާއްޖެއާ ދެމެދު 8 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހާޒިރުގައެވެ.
މި އެއްބަސްވުންތަކުގެ ތެރޭގައި، ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް މަޝްވަރާތައް ފެށުމާއި، 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފްރޭމްވޯކް އެއްބަސްވުމާއި، ޑޮލަރ ކްރެޑިޓު ލައިން އެއްބަސްވުން ހިމެނެއެވެ. މީގެ އިތުރުން، މަސްވެރިކަމާއި އެކުއަކަލްޗަރގެ ދާއިރާއިންނާއި، ކޮލިޓީ ބޭސް ފޯރުކޮށްދިނުމުގެ ދާއިރާއިން ވެސް އެއްބަސްވުންތަކުގައި ސޮއިކުރެވުނެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުންތައް
- 1- ރާއްޖެއާއި އިންޑިއާއާ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް މަޝްވަރާތައް ފެށުމާ ގުޅޭ އެއްބަސްވުން
މިކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު - 2- 565 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފްރޭމްވޯކް އެއްބަސްވުން
މިކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ވަޒީރު މޫސާ ޒަމީރު އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު - 3- ޑޮލަރ ކްރެޑިޓު ލައިން އެއްބަސްވުމުގައި ސޮއިކުރުން
މިކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ވަޒީރު މޫސާ ޒަމީރު އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު - 4- މަސްވެރިކަމާއި އެކުއަކަލްޗަރގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން
މިކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު - 5- ކޮލިޓީ ބޭސް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުން
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމްއަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު - 6- މޫސުމާބެހޭ ޢިލްމާއި، ޖައްވުގެ ޢިލްމާއި، ތިމާވެށި މޮނިޓަރކުރުމުގެ ދާއިރާއިން އޮނިގަނޑެއް ޤާއިމުކުރުމާ ބެހޭ އެއްބަސްވުން
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އިންޑިއާ ސަރުކާރުގެ ފަރާތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު - 7- ޑިޖިޓަލް ދާއިރާއިން ގުޅުން ބަދަހިކުރުމާގުޅޭ އެއްބަސްވުން
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން އަދި އިންޑިއާ ސަރުކާރުގެ ފަރާތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު - 8- ކްރޮސް ބޯޑަރ ރެމިޓެންސް އެއްބަސްވުން
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް އިންޑިއާ ސަރުކާރުގެ ފަރާތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ހެނދުނުގެ ވަގުތެއްގައި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެންނެވިއެވެ. އަދި ވަޒީރުންނާއި ޚާރިޖިއްޔާގެ އިސް ބޭފުޅުންވެސް ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ.
މި ދަތުރުފުޅަކީ ނަރެންދްރަ މޯދީ ތިންވަނަ ފަހަރަށް އިންޑިއާގެ ބޮޑުވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި އިންޑިއާގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ މި ދެ ދުވަހުގެ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެވެއެވެ.

