ފެންވަރު ރަނގަޅު ބޭސް ލިބުން ކަށަވަރުކޮށް، ރެގިއުލޭޓަރީ ބުރަތައް ކުޑަކުރުމަށް އިންޑިއަން ފާމަކޯޕީއަ ކޮމިޝަނާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާ ދެމެދު ފާމަކޯޕީއާ އެއްބާރުލުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ޝްރީ ޖީ. ބާލާސުބްރަމަނިއަންއެވެ.
ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެމްއޯޔޫގެ ދަށުން އިންޑިއަން ފާމަކޯޕީއަ ބަލައިގަންނާނީ ރާއްޖޭގައި އުފައްދާ އަދި އިމްޕޯޓްކުރާ ބޭސްތަކުގެ މިންގަނޑުތައް ކަނޑައަޅާ ރަސްމީ ފޮތެއްގެ ގޮތުގައެވެ. މީގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ ބޭހުގެ ފެންވަރު ކަށަވަރުވެ، ރެގިއުލޭޓަރީ މަރުޙަލާތައް އަވަސްވެގެންދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން އެތެރެކުރާ ބޭސްތައް ދެވަނަ ފަހަރަށް ޓެސްޓްކުރަން ނުޖެހި، އިންޑިއާގެ އުފެއްދުންތެރިން ދޫކުރާ ސެޓްފިކެޓް އޮފް އެނަލިސިސް ދިވެހި އިދާރާތަކުން ސީދާ ބަލައިގަނެވޭނެ ނިޒާމެއް ޤާއިމުވެގެންދާނެއެވެ. އަދި ފެންވަރު ބެލުމުގެ ތަޙްލީލުތަކަށް ބޭނުންވާ އިންޑިއަން ފާމަކޯޕީއާ ރެފަރެންސް ސްޓޭންޑަޑްސް އަދި އިމްޕިއުރިޓީ ސްޓޭންޑަރޑްސް އައިޕީއާރްއެސް މެދުވެރިކޮށް އެކަށީގެންވާ އަގުގައި ލިބިގެންދާނެއެވެ.
ސިއްޙީ ވުޒާރާއިން ފާހަގަކުރައްވާފައިވާ ގޮތުގައި މި އެއްބާރުލުމުގެ ސަބަބުން ޖެނެރިކް ބޭސް ތައްޔާރުކުރުމަށް ރަނގަޅު ފުރުސަތުތަކެއް ހުޅުވި، ދިވެހިރާއްޖޭގައި ހެޔޮއަގުގައި ބޭސް ލިބުމަށް މަގުފަހިވެގެންދާނެއެވެ. އަދި ދިވެހިރާއްޖެ ފަދަ ޤައުމަކަށް، މި އެމްއޯޔޫގެ ސަބަބުން ފެންވަރު ރަނގަޅު ބޭސް ލިބުން ކަށަވަރުވެ، ރެގިއުލޭޓަރީ ބުރަތަކާއި އެކަމާ ގުޅުންހުރި ޚަރަދުތައްވެސް ކުޑަ ވެގެންދާނެއެވެ.

