ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އެމަރެލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއިން ކޮންމެ ދުވަހަކު ޕްލާސްޓިކް ކޮތަޅު ތަކެއްގައި ކުނި ގެންގޮސް ކަނޑަށް އަޅާ މަންޒަރު ފެނުނު މުވައްޒަފަކު އެހުރިހާ ކުނިތައް ނަގައިގެން ގެންގޮސް ރިސޯޓުގެ ރިސެޕްޝަނު މަތީގައި ބަހައްޓައިފިއެވެ.
އެރިސޯޓުގައި ޑައިވަރެއްގެ މަޤާމުގައި ވަޒީފާ އަދާކުރާ އިޤްބާލް ބިލާލް ފޭސްބުކްގައި ޖެހާފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެރިސޯޓުގެ ބަދިގެއިންނާއި ރިސޯޓުގައި ހުންނަ ހުރިހާ ކުންޏެއް ޕްލާސްޓިކް ކޮތަޅަށް އަޅާފައި ކޮންމެ ދުވަހަކުވެސް ކަނޑަށް އުކާލާ މަންޒަރު އޭނައަށް ފެންނަ ކަމަށާއި ރިސޯޓުގެ މެނޭޖްމެންޓާއި ވާހަކަ ދެއްކުމުންވެސް މިކަމަށް ހައްލެއް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން އެގޮތަށް އެމީހުން އިއްޔެ އުކާލި ކުނި ކޮތަޅުތައް ނަގައިގެން ގެންގޮސް އޭނާ ވަނީ ރިސޯޓުގެ ރިސެޕްޝަން މަތީގައި ބަހައްޓާފައި ކަމަށެވެ.
އިޤްބާލާއި އޭނައާ އެކީ މަސައްކަތްކުރާ ކުދިންކޮޅަކާއެކީ އެ ކުނިތައް ނަގާފައި ވަނީ 20 މީޓަރާއި 25 މީޓަރު އަޑިން ކަމަށް އިޤްބާލް ވަނީ ބުނެފައެވެ. އެކުނިތައް ހުރީ ރ. އަތޮޅުގެ މަޝްހޫރު ޑައިވް ޕޮއިންޓެއް ކަމަށްވާ “މާފަރު ކޭވް” ނަމަކަށް ކިޔާ ޕޮއިންޓެއްގައެވެ.
އެސަރަހައްދަކީ އެމަރަލްޑް ރިސޯޓުން ފުރައިގެން 10 މިނެޓާއި 15 މިނެޓުން އާދެވޭ ސަރަހައްދެއް ކަމަށާއި ކުނި އެޅުމުގެ ސަބަބުން އެސަރަހައްދުގެ ފަރުތަކުގައި ޕްލާސްޓިކް ކުނި ތާށިވެ ފަރުތަކަށް ގެއްލުން ލިބެމުންދާކަމަށް އިޤްބާލް ބުނެފައިވެއެވެ.
އިޤްބާލް މިގޮތަށް ކަންތައް ކުރުމުން ރިސޯޓުގެ މެނޭޖްމެންޓުންވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައެވެ.
އިގުބާލު ވަނީ ޑައިވިން ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން ވެސް ރިސޯޓުތަކުން ކަނޑަށް ކުނި އެޅުވުން ހުއްޓުވާ ރާއްޖޭގެ ކަނޑުތަކާއި އެ ކަނޑުތަކުގައިވާ ދިރުންތައް ސަލާމަތް ކުރުމަށް އިލްތިމާސް ކޮށްފައެވެ.
ރިސޯޓްތަކުގައި ކާބޯތަކެތިން އުފެދޭ ކުނި ކަނޑަށް އަޅަނީ ޓޫރިޒަމް ދާއިރާއަށް، ހާއްސަކޮށް އެންވަޔަރްމެންޓް މިނިސްޓްރީން ހަދާފައިވާ ގަވާއިދަކުންނެވެ. އެ މައްސަލާގައި މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް ކޮމިޓީން ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާ ބައްދަލުކޮށްފައެވެ.
މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު އޭރު ވިދާޅުވީ އެކަން ކުއްލިއަކަށް ހުއްޓާލަން ޖެހިއްޖެ ނަމަ ވަރަށް އުނދަގޫ ވާނެ ކަމަށެވެ. ނަމަވެސް މަޓީން ބުނީ އެކަން ހުއްޓޭނީ ކުނި މެނޭޖްކުރާ ފެސިލިޓީތަކެއް ރާއްޖޭގެ އެކި ސަރަހައްދުގައި ގާއިމްކޮށްގެން ކަމަށެވެ.

