އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫޢު ހިމެނޭހެން އިތުރު މަޝްރޫޢުތަކެއްގެ ނިމުން ފާހަގަކޮށްފިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫޢަކީ އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ބެއްލެވުމުގެ ދަށުން އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ޙަވާލުކޮށްގެން ތަންފީޒުކުރި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ 6 އަވަށް އެކުލެވޭހެން 40 ކިލޯމީޓަރުގެ މަގު ވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ.
މަޝްރޫޢުގެ މުހިންމު ބައެއްގެ ގޮތުގައި، އައްޑޫ ސިޓީގެ 6 އަވަށް އެކުލެވޭނެހެން ޑްރެއިނޭޖް ސިސްޓަމެއް ވަނީ ޤާއިމްކޮށްފައެވެ. އަދި މިހާރު ތާރު އަޅާފައިވާ މަގުތަކުގެ ޙާލަތު ރަގަޅުކުރުމަށްޓަކައި 3.4 ކިލޯމީޓަރުގެ މަގު އަލުން ރިސަރފެސްކުރުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.
މީގެއިތުރުން، މުޅި އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ބޭނުންވާ މަގުބައްތިތަކާއި ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ސަވައިލަންސް ކެމެރާތައް މަގުގެ އެކި ސަރަޙައްދުތަކުގައި ވަނީ ހަރުކޮށްފައެވެ. އަދި ހިތަދޫ ގައުކެނޑެ ސަރަޙައްދުން ފެށިގެން މަރަދޫއަށް ހަންކެނޑެ ހުރަސްކޮށް 4 ލޭންގެ މައްޗަށް އެކުލެވޭ 1.463 ކިލޯމީޓަރުގެ އައު މަގެއް ވަނީ ޓްރެފިކަށް ހުޅުވާލާފައެވެ.
މި މަޝްރޫޢުތަކުގެ އިތުރުން، އައްޑޫ ސިޓީ ހިތަދޫގައި ތަރައްޤީކޮށްފައިވާ 2 އައުޓްޑޯ ޖިމާއި، ސްމޯލް ސްކޭލް ފިޝް ޕްރޮސެސިން ޕްލާންޓް، ގދ. ވާދޫގައި ތަރައްޤީކޮށްފައިވާ އައުޓްޑޯ ޖިމް، ގދ. ގެމަނަފުށީގައި ތަރައްޤީކޮށްފައިވާ ޔޫތު ސެންޓަރު އަދި ށ. ކަނޑިތީމުގައި ތަރައްޤީކޮށްފައިވާ ވޮލީ ކޯޓުގެ މަސައްކަތުގެ ނިމުންވެސް މި ރަސްމިއްޔާތުގައި ވަނީ ފާހަގަކޮށްފައެވެ.

