ރާއްޖޭގެ ސިއްޙީ ދާއިރާގެ ތަރައްގީއަށް އިންޑިއާއިން މެދު ނުކެނޑި ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ ދަށުން މިއަދު “އަރޯގްޔާ މައިތިރީ ހެލްތު ކިއުބް” ނުވަތަ ޕޯޓަބަލް ހޮސްޕިޓަލް ރާއްޖެއަށް ހަދިޔާ ކޮށްފިއެވެ.
އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ މި ސްޓޭޓް އޮފް ދި އާޓް ހެލްތު ކިއުބަކީ ދުނިޔޭގައި އެއްތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް ތަރައްގީކުރި ފުރަތަމަ ޕޯޓަބަލް ހޮސްޕިޓަލެވެ. މި ކިއުބްގައި އައިސީޔޫ، އޮޕަރޭޝަން ތިއޭޓަރ، ޕަވަރ ޖަނަރޭޓަރ، ލޭގެ ޓެސްޓްތައް ހެދޭނެ ސާމާނާއި، އެކްސްރޭ މެޝިން ފަދަ މުހިންމު މެޑިކަލް ވަސީލަތްތައް ހިމެނެއެވެ.
މި ޕޯޓަބަލް ހޮސްޕިޓަލަކީ މެދު ނުކެނޑި 72 ގަޑިއިރު އޮޕަރޭޓްކުރެވޭ އަދި 200 މީހުންނަށް ފަރުވާދެވޭނެ ގާބިލުކަން ހުރި ފެސިލިޓީއެކެވެ. ހާއްސަކޮށް ބޮޑެތި ހާދިސާތަކުގައި ގިނަ ބަޔަކަށް ކުއްލި ފަރުވާގެ ޚިދުމަތް އެންމެ މަތީ ފެންވަރުގައި ފޯރުކޮށްދިނުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ މި ކިއުބް، ހެލިކޮޕްޓަރާއި ޕެރަޝޫޓް މެދުވެރިކޮށްވެސް ކޮންމެ ސަރަހައްދަކަށް ގެންދެވޭނެއެވެ. އަދި މި ކިއުބްގެ ސެޓްއަޕް ރާވާލުމަށާއި، ފަރުވާގެ ކަންކަން ފެށުމަށް ނަގާނީ އެންމެ 12 މިނެޓެވެ.
ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޕޯޓަބަލް ކިއުބް ހިންގުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މޯލްޑިވްސް އިމަރޖެންސީ މެޑިކަލް ސަރވިސްގެ ފަރާތުންނެވެ. އަދި މި ކިއުބް ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ “ބީޝްމް އެޕް” މެދުވެރިކޮށް މިނީ ކިއުބްތަކުގެ މަޢުލޫމާތު ލިބި، އޭގައި ހިމެނޭ ސާމާނު ޓްރެކް ކުރެވޭނެއެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާ ތަރައްގީ ކުރުމުގައި އިންޑިއާއަކީ އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ގައުމެވެ. އެގޮތުން ސިއްޙީ ދާއިރާއަށް ގެނެވުނު އުމްރާނީ ތަރައްގީގެ އިތުރުން، ސިއްޙީ ދާއިރާގެ އެކި ފަންނުތަކުން ދިވެހިން ތަމްރީން ކުރުމާއި، ކޯވިޑް-19 ގެ ވެކްސިން ފޯރުކޮށްދިނުން ފަދަ ގިނަ ކަންކަމުގައި އިންޑިއާއިން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

