ދިފާއީ ވުޒާރާގެ 10 ބުރީގެ އައު އިމާރާތް “ދޮށިމޭނާ” ބިލްޑިންގ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ދެ ބޭފުޅުންވެސް ވަނީ އެ އިމާރާތުގެ މޮޑެލް ބައްލަވާލައްވާ، އެތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ސާފުކުރައްވާފައެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްޤީކޮށްފައިވާ މި އިމާރާތުގެ މަސައްކަތް ފެށިފައިވަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. 10 ފަންގިފިލާގެ މި އިމާރާތުގައި ހިންގާނީ ދިފާޢީ ވުޒާރާގެ އިތުރުން ޚާއްސަކޮށް ކޯސްޓްގާޑްގެ ޚިދުމަތްތަކެވެ.
ކޯސްޓްގާޑްގެ ޚިދުމަތް ރާއްޖޭގައި ފެށިފައިވަނީ 1980 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. މިހާރު 45 އަހަރު ފުރިފައިވާ މި ޚިދުމަތުގެ މައިގަނޑު ޒިންމާއަކީ ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަޙައްދު ބަލަހައްޓާ ހިމާޔަތްކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަޙައްދު ހިމާޔަތްކޮށް ރައްކާތެރިކޮށް ބެލެހެއްޓުމާއި، ކަނޑުމަތީގައި ހާލުގައިޖެހޭ މީހުންނާއި މުދާ ސަލާމަތްކުރުމުގެ މަސައްކަތްވެސް ކުރެއެވެ.
ކޯސްޓްގާޑުން އެމްބިއުލާންސް ޚިދުމަތްވެސް ފޯރުކޮށްދެއެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަލި މީހުން އެއްރަށުން އަނެއް ރަށަށް ކުއްލި ހާލަތުގައި އުފުލައިދިނުމުގެ މަސައްކަތް ކުރެއެވެ. އަދި ކަނޑުމަތީގައި އަސްކަރިއްޔާގެ ހަރަކާތްތެރިވުން އިތުރުކޮށް ޚާއްސަ އޮޕަރޭޝަންތައް ހިންގުމަށް “ސްޕެޝަލް ބޯޓް ސްކޮޑްރަން” ގެ ނަމުގައި ޚާއްސަ ފޯސްއެއްވެސް ވަނީ އުފައްދާފައެވެ.
ކޯސްޓްގާޑުގެ އޮޕަރޭޝަންތައް ރާވައި ހިންގަނީ ރާއްޖޭގެ ސަރަޙައްދު ހަތަރު އޭރިއާއަކަށް ބަހާލައިގެންނެވެ. މި ގޮތުން ކޮންމެ އޭރިއާއެއްގައިވެސް އޮޕަރޭޝަނަލް ކޮމާންޑްތަކެއް ޤާއިމުކޮށް، އެ ކޮމާންޑްތަކުގެ ދަށުން ކޯސްޓްގާޑު ސްކޮޑްރަންތައް މަސައްކަތްކުރަމުން ގެންދެއެވެ.

