އިންޑިޔާއާއި ދިވެހިރާއްޖޭގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ވަނީ ހާއްސަ ސްޓޭމްޕެއް އިފްތިތާހުކޮށްފައެވެ. މި ސްޓޭމްޕް އިފްތިތާހުކުރެއްވީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގެން ހުންނެވި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ.
މި ސްޓޭމްޕަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރިކަމުގެ ގުޅުން ތަމްސީލުކޮށްދޭ ގޮތަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ސްޓޭމްޕެކެވެ. އިންޑިޔާގެ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ރައީސް ޑރ. މުޢިއްޒުގެ ދައުވަތަކަށް ވަޑައިގަންނަވާ ދަތުރުފުޅެކެވެ.
ސްޓޭމްޕް އިފްތިތާހުކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އިންޑިޔާގެ ބޮޑުވަޒީރު މޯދީ ވިދާޅުވެފައިވަނީ “އިންޑިޔާއާއި ދިވެހިރާއްޖޭގެ މެދުގައި އޮތް ގުޅުން ދުވަސްވީ ވަރަކަށް އިތުރަށް ބަދަހިވަމުން އަންނަ” ކަމަށެވެ.
އަދި މޯދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ގުޅުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ލިބޭ މަންފާއާއި ފައިދާ ވެސް ދަނީ އިތުރުވަމުންނެވެ.

