ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އިންޑިޔާ ރުޕީސް އެކައުންޓުތައް ހުޅުވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން އެ ބޭންކުން ހާމަކޮށްފިއެވެ. މި ޚިދުމަތް ފެށުމާއެކު، އެކެއް އޯގަސްޓުން ފެށިގެން ދިވެހި އަދި ބިދޭސީ ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް އިންޑިޔާ ރުޕީސް އެކައުންޓު ހުޅުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު ވިދާޅުވި ގޮތުގައި، މިއީ އެ ބޭންކަށް ލިބުނު ވަރަށް މުހިންމު ފުރުސަތެކެވެ. “މީގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވިޔަފާރި އާއި އިންވެސްޓްމެންޓްގެ އައު ފުރުސަތުތަކާއި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގައި ވެސް ފަސޭހަތަކެއް ލިބިގެންދާނެ،” ޝަރީފު ވިދާޅުވިއެވެ.
ބޭންކުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި އެކައުންޓުތަކަށް އިންޑިއަން ރުޕީ 500 ގެ ނޫޓުން ފެށިގެން މަތީ އަދަދުގެ ނޫޓުތައް ޖަމާކުރެވޭނެއެވެ. އަދި އިންޑިއާއިން ރެމިޓެންސްގެ ގޮތުގައި ގެންނަ ފައިސާވެސް މި އެކައުންޓުތަކަށް ޖަމާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ބީއެމްއެލްއިން ނެރުނު ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، މި ޚިދުމަތް ތަޢާރަފުކުރުމަކީ އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮންނަ ވިޔަފާރިއާއި އިގުތިސާދީ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެކެވެ. އަދި މި އެކައުންޓުތަކަށް ފައިސާ ޖަމާކުރުމުގެ ޚިދުމަތް ބޭންކުގެ ހުރިހާ ބްރާންޗުތަކުން ލިބެން ހުންނާނެކަންވެސް ބޭންކުން ހާމަކޮށްފައިވެއެވެ.
ގައުމީ ބޭންކުގެ ހައިސިއްޔަތުން، އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ސަމާލުކަންދީ، ބޭންކިންގ ދާއިރާ އާ ހަރުފަތްތަކަށް ގެންދިޔުމުގައި ދެމިތިބޭނެ ކަމަށް ބޭންކުގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު ވަނީ އިތުރަށް ފާހަގަކުރައްވާފައެވެ.

