ދިވެހިރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް “ފަވަރަ” އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅާލުމުގެ އެއްބަސްވުމުގައި، ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރުމުގެ މަގު ފަހިކުރުމުގެ ގޮތުން، މިހާރު ވަނީ ސޮއިކުރެވިފައެވެ.
މި މުހިންމު އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާއި ދެމެދުއެވެ. މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ފަސޭހަ އަދި ރައްކާތެރި ކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
މި އެއްބަސްވުމާއެކު، ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް ދިވެހިރާއްޖޭގެ މާލީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހުވެގެންދާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. މި އެއްބަސްވުމުގެ ދަށުން، ފަވަރަ އާއި ޔޫޕީއައި ގުޅުވާލެވިގެންދާނެއެވެ.
މިގުޅުވައިލުމާއެކު، ރާއްޖެއާއި އިންޑިއާގެ ދޭދޭ ފަރުދުންގެ މެދުގައި ފަސޭހަކަމާއެކު ފައިސާ ފޮނުވާ، ލިބިގަތުމުގެ ހިދުމަތް ޤާއިމުވެގެންދާނެއެވެ. އަދި ރައްކާތެރިކަމާއެކު، ހެޔޮ އަގުގައި، ޕޭމަންޓް މުއާމަލާތްތައް ވަގުތުން ކުރެވޭނެ އިންތިޒާމް ވެސް ހަމަޖެހިގެންދާނެއެވެ.
މި މަސައްކަތަކީ އެމްއެމްއޭއިން ކުރިޔަށް އޮތް ތިން އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގެ ތެރެއިން ކުރެވިގެންދާ މަސައްކަތްތަކެކެވެ. މި ޕްލޭނާ އެއްގޮތަށް، ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް، ބައިނަލްއަޤުވާމީ ނެޓްވޯކްތަކާ ގުޅާލާ، ރާއްޖެއިން ބޭރަށް ފައިސާގެ މުއާމަލާތް ކުރެވޭނެ ވަސީލަތްތައް ޤާއިމުކުރުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރެއިން މަސައްކަތް ކުރެވިގެންދާނެއެވެ.
މިކަމުގެ މައިގަނޑު މަޤްސަދަކީ ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބައިނަލްއަޤްވާމީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިކޮށްދީ، މާލީ ބައިވެރިވުން އިތުރުކޮށް، ހަމަހަމަ ގޮތެއްގައި މާލީ ހިދުމަތްތައް ލިބޭނެ ގޮތް ހެދުމެވެ.

