މަސްވެރިކަމާއި އެކުއަކަލްޗަރގެ ދާއިރާއިން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އެއްބާރުލުން އިތުރުކުރުމަށް މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތުގައި ކަނޑުމަހުގެ މަސްވެރިކަން ކުރިއެރުވުމާއި، ދެމެހެއްޓެނިވި ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމާއި އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމެވެ. މީގެ އިތުރުން ތިމާވެއްޓާ ރައްޓެހި މަސްވެރި-ފަތުރުވެރިކަން ކުރިއެރުވުމާއި، ދެ ޤައުމުގައި ވެސް އިޖާދީ ކަންކަމާއި ސައިންޓިފިކް ދިރާސާތައް ކުރުމަށް އެހީތެރިވެދިނުން ހިމެނެއެވެ.
މި ފަހުމުނާމާގެ ދަށުން ވެލިއު ޗެއިން ތަރައްޤީކުރުމާއި، ތަމްރީނާއި ދިރާސާތަކުގައި އެއްބާރުލުން ދިނުމާއި، މަސްވެރިކަމުގެ ދާއިރާގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރެވޭނެއެވެ. އަދި ދިވެހިރާއްޖޭގެ މެރިކަލްޗަރ ދާއިރާގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމާއި، އިންވެސްޓްމަންޓް ފުރުސަތުތައް ފަހިކޮށްދިނުމަށްވެސް މަގުފަހިވެގެންދާނެއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ފާހަގަކުރައްވާފައިވާ ގޮތުގައި މި ފަހުމުނާމާއަކީ ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަމުގެ ވަސީލަތްތައް ބޭނުންކުރުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް ދެ ޤައުމުން ކުރާ މަސައްކަތްތަކަށް އެހީތެރިވެވޭނެ އެއްބަސްވުމެކެވެ. އަދި ދެ ޤައުމުގެ މެދުގައި ހިއްސާކުރެވޭ މަޢުލޫމާތާއި ތަޖުރިބާގެ ސަބަބުން މަސްވެރިކަމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފަސޭހަވެގެންދާނެއެވެ.
މި ފަހުމުނާމާއަކީ ދިވެހިރާއްޖެއާއި އިންޑިއާގެ މެދުގައި މަސްވެރިކަމުގެ ދާއިރާގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ މަސްވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ. އަދި މީގެ ސަބަބުން ދެ ޤައުމުގެ މަސްވެރިކަމުގެ ދާއިރާއަށް ފައިދާކުރަނިވި ނަތީޖާތަކެއް ޙާޞިލުކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ކުރިއަރައިގެންދާނެކަމަށް އުންމީދުކުރެވެއެވެ.

