ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތީ އެތައް ގަރުނެއްވީ ބަދަހި ގުޅުމެއް ކަމަށާއި، އެއްވެސް ބަޔަކަށް އެ ގުޅުމަށް ހީނަރުކަން ނުގެނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޝަރަފުގައި ބޭއްވެވި ފުރަމާނާ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ މިއަހަރަށް 60 އަހަރު ވީނަމަވެސް، އޭގެ މާކުރީއްސުރެ ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުންތައް ޤާއިމްވެފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި މީގެ އެތައް ޒަމާނެއް ކުރިން ފެށިގެން ވިޔަފާރިއާއި، ސަޤާފީ އެހެނިހެން ކަންކަމުގެ ތެރެއިން ދެ ޤައުމު ދެމެދު ބަދަހި ގުޅުމެއް އުފެދިފައިވެއެވެ. އަދި “ދެ ޤައުމު ދެމެދުގައި އޮތް ގުޅުމަށް ހީނަރުކަން ގެނެވޭނެ އެއްވެސް ބަޔަކު ނެތް” ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގައި އަބަދުވެސް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއާއި، ސިއްޙީ ދާއިރާއާއި ވިޔަފާރި އަދި ތަޢުލީމީ ދާއިރާގެ އިތުރުންވެސް އެހެނިހެން ދާއިރާތަކުން އެ ގުޅުން ބަދަހިވަމުން އަންނަ ކަމަށެވެ.
ދިވެހި ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި، އެންމެން ޝާމިލްވާ އަދި ޒުވާނުން ބާރުވެރިކުރާ އިޤްތިޞާދެއް ބިނާކުރުން ކަމަށްވާއިރު، އެކަމުގައި އިންޑިއާއަކީ މުހިއްމު ދައުރެއް އަދާކުރެވޭނެ ޤައުމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އިންޑިއާގައި ދެވަނައަށް އެންމެ ގިނަ ދުވަސްވީ ބޮޑުވަޒީރުކަމުގެ މަޤާމު އަދާކުރައްވާ ބޭފުޅަކީ މޯދީކަން ފާހަގަކުރައްވަމުން، އެއީ އެމަނިކުފާނުގެ ޤައުމީ ޚިދުމަތުގެ އިޚްލާޞްތެރިކަން ސާބިތުކޮށްދޭ ހެއްކެއްކަމުގައި ވިދާޅުވިއެވެ.

